ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އިމްތިޙާން ދެއްވުމަށް އެގްޒަމިނަރަކު ހޯދުމަށް ގދ. ވާދޫ ކައުންސިލްގެ އިދާރާއިން އިޢުލާންކޮށްފިއެވެ.
ކައުންސިލްގެ ރައީސް ލަމްޢާން ވަޙީދު ސޮއިކުރައްވައި އިއްޔެ ނެރުއްވާފައިވާ އިޢުލާނުގައިވާ ގޮތުން، ކަނޑު އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުމުގެ ޚިދުމަތް ރަށު ކައުންސިލްތަކުން ދިނުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ނިންމުމާ ގުޅިގެން، ވާދޫ ކައުންސިލުން ދަނީ އެ ޚިދުމަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ.
އެގްޒަމިނަރަކު ހޮވުމުގައި ނިޔަމިކަމުގެ ސެޓްފިކެޓް އޮތުމާއެކު ގިނަ ކެޓަގަރީތައް އޮތް ފަރާތްތަކަށް އިސްކަންދެވޭނެކަމަށާއި އަދި ހޮވޭ ފަރާތަކީ ލައިސަންސް ނެގިފަހުން މަދުވެގެން 1 އަހަރު ދުވަހު އުޅަނދުފަހަރު ދުއްވުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެކަމަށް އިއުލާނުގައި ބުނެފައި ވެއެވެ. މި މަސައްކަތަށް ހޮވޭ އެގްޒަމިނަރަކަށް ޓެސްޓް ހަދާ ކޮންމެ ބޮލަކަށް -/35 (ތިރީސް ފަސް) ރުފިޔާގެ އުޖޫރައެއް ދިނުމަށް ނިންމާފައިވާކަންވެސް ކައުންސިލުގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކަނޑުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގެ ކޮޕީ، ނިޔަމިކަމުގެ ސެޓްފިކެޓުގެ ކޮޕީ އަދި އައިޑީކާޑުގެ ކޮޕީ ހިމެނޭގޮތަށް ސިޓީއެއް 27 އޮގަސްޓް 2026 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ އީމެއިލް info@gaafdhaalvaadhoo.gov.mv އަށް ފޮނުވަން ޖެހެއެވެ.
މިއީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން އާންމު ރައްޔިތުންނަށް ބޭނުންވާ މުހިންމު ޚިދުމަތްތައް އަތޮޅުތަކުގެ ރަށްރަށުން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ބަދަލާއެކު، އުޅަނދު ދުއްވުމުގެ ލައިސަންސް ނެގުމަށްޓަކައި ރަށުން ބޭރަށް ނުވަތަ މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.