މަސްވެރިކަމާބެހޭ ވުޒާރާ އާއި ގދ. ފިޔޯރީ ކައުންސިލް ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ތުތިބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަސްވެރިކަމުގެ ސިނާއަތަށް އައު ކުރިއެރުންތައް ގެނެސް، ޒުވާނުންނާއި ކަނބަލުންގެ ބައިވެރިވުން އިތުރުކޮށް، އައު މަސްވެރިކަން ތައާރަފުކުރުމުގެ މަގުސަދުގައި ހިންގާ މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް، އެފަރާތެއްގެ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ނަންބަރު ހިމެނޭގޮތަށް، ފިޔޯރީ ކައުންސިލްގެ ނަންބަރު، 9154339 އަށް ވައިބަރ ކޮށްދިނުމަށް ފިޔޯރީ ކައުންސިލުން އެދިފައި ވެއެވެ.
މި ހިނގާ އޯގަސްޓްމަހުގެ ފަހުކޮޅު، ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދަން ރާވާފައިވާ މި ތަމްރީނުގައި ތިއަރީ ސެޝަންތަކާއި، އަމަލީ ތަޖުރިބާކުރުމުގެ ބައިތަކެއް ހިމެނެއެވެ. އެގޮތުން މި ތަމްރީނުގައި ތުތި ބޯވަދިލަމަސް ބާނާނެގޮތާއި، އޭގެ ވިޔަފާރި ފެށުމާއި ހިސާބު ބެލެހެއްޓުމާއި، ވިޔަފާރި ފެއްޓުމާއި ވިޔަފާރީގެ ވައްތަރުތަކާއި، މާކެޓްކުރުން އަދި މާކެޓް ސާވޭ ކުރާނެގޮތްތައް ބައިވެރިންނަށް ދަސްކޮށްދިނުމަށް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، ވިޔަފާރީގެ ފައިދާއާއި ގެއްލުން ބެލުމާއި، ވިއްކާ ބާވަތްތައް އަގުމަގު ކުރުމާއި، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލް ކުރުމާއި، ކާބޯތަކެތި ބަންދުކުރުމުގެ މުހިންމުކަމާއި ލޭބަލް ކުރުމުގެ ފައިދާއާއި، ކާބޯތަކެތީގެ ލޭބަލްގައި ހިމެނޭ ބައިތަކާއި، އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމުގެ ސެޝަންތައް ކުރިޔަށްގެންދަން ހަމަޖެހިފައި ވެއެވެ. މި ތަމްރީން ޕްރޮގްރާމްގެ މުދައްރިބުންގެގޮތުގައި ހަރަކާތްތެރިވާނީ މަސްވެރިކަމާ ބެހޭ ވުޒާރާގެ ފަންނުވެރިންނެވެ.
މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަދި މިސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން މި އަހަރު ކުރިއަށްގެންދިއުމަށް ނިންމާފައިވާ ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީން ޕްރޮގްރާމް ހިންގުމަށް ޝައުގުވެރިވާ ރަށު ކައުންސިލްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލީ 25 ޖޫން 2026 ގައެވެ. 15 ޖުލައި 2026 ގެ ނިޔަލަށް ކައުންސިލްތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އެ ވުޒާރާއިން ދިނެވެ.
ތުތި ބޯވަދިލަމަހުގެ މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެ ގޮތުން، ދިވެހި ރާއްޖޭގެ މާ ކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ މަސްވެރިކަން އާލާކުރުމުގެގޮތުން މި މަސްވެރިކަން ދަސްކުރުމަށް ޝައުގުވެރިވާ ފަރާތްތަކައް އަމާޒުކޮށްގެން މަސްވެރިކަމާ ބެހޭ ވުޒާރާއިންް ކުރިޔަށްގެންދާ ތަމްރީނެކެވެ.