އއ. އުކުޅަހުގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ޕްރައިވެޓް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެމަނިކުފާނު މި ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތީ، ރައްޔިތުންނާ ގާތަށް ކުރައްވާ އުއްމީދީ ދަތުރުފުޅުގެ ތެރެއިން އެރަށަށް ވަޑައިގެންނެވެ.
މި މަޝްރޫއުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންސީގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބެވެ. ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑްގެ ފަރަތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިގްބާލެވެ. މިއަދު ވެވުނު އެއްބަސްވުމުގައި، ފަސް މަސްދުވަހުގެ ތެރޭގައި އައިސްޕްލާންޓްގެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވެއެވެ.
މިއީ ފަރުމަސްވެރިކަމަށް ޚާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ގާއިމުކުރެވޭ ފުރަތަމަ އައިސްޕްލާންޓެވެ. މި އައިސްޕްލާންޓް ޤާއިމުކޮށް ނިންމައި އޮޕަރޭޝަނަށް ގެނެވުމާއެކު އުކުޅަހުގެ ފަރު މަސްވެރިންނަށް އައިސް ހޯދުމުގައި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.