ދިރާސާތަކުގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށާއި، ޢިލްމީ ހޯދުންތަކާއި އީޖާދީ ވިސްނުންތަކުގެ އަލީގައި ސިޔާސަތުތައް އެކުލަވައިލުމަށް ފުރިހަމަ މަގުފަހިވެގެންދާނެ ކަމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ކޮންމެ ދެ އަހަރުން އެއްއަހަރު ބާއްވާ 6 ވަނަ ކަނޑުގެ ޢިލްމީ ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ޢިލްމީ ހޯދުންތަކުގެ އެހީގައި ރާއްޖެއަށް ޙައްޤުވާ ފުރިހަމަ އިޤްތިޞާދީ ތަނަވަސްކަން ހޯދައިދިނުމަށް ކަމށެވެ. އަދި މި ދެ ދުވަހުގެ ބައްދަލުވުމުގައި ހުށަހެޅޭ ޢިލްމީ މަސައްކަތްތަކާއި ބަދަލުކުރެވޭ މަޢުލޫމާތަކީ، ރާއްޖޭގެ ކަނޑުފަޅުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށާއި ރައްކާތެރިކުރުމަށް އެކުލަވައިލާ ސިޔާސަތުތަކުގައި މުހިންމު ދައުރެއް އަދާކުރާނެ ކަންކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޤާބިލުކަން އިތުރުކުރުމާއި ޒުވާން ޖީލު ބިނާކުރުން
ރާއްޖެ ފަދަ ކުދި ޖަޒީރާ، ބޮޑު ކަނޑެއް އޮތް ޤައުމަކަށް، ކަނޑުގެ ދިރުންތަކާ ބެހޭ މަޢުލޫމާތު މުއްސަނދިކުރުމާ އެއްވަރަށް، ޢިލްމީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ މާހިރުންނާއި މުއައްސަސާތަކާ ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުމަކީ އުންމީދު ކަމަށާއި، މިފަދަ ގުޅުންތަކަކީ ހަމައެކަނި ޢިލްމު އުނގެނުމަށް އޮތް ފުރުޞަތެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ އަންނަން އޮތް ޖީލުގެ ދިރާސާވެރިންނާއި، ކަނޑުފަޅުގެ ކަންކަމުގައި އިސްނަގާނެ ލީޑަރުން ބިނާކުރުމަށް ލިބޭ މުހިންމު ބާރެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ޢިލްމީ ދާއިރާގެ ހުނަރުވެރިން ބިނާކުރުމަށް ކުރާ އިންވެސްޓްމަންޓަކީ، މާދަމާ ރާއްޖޭގެ އެންމެ ބޮޑު ޤުދުރަތީ ރަޙުމަތް ކަމުގައިވާ ކަނޑުފަޅުގެ މާޙައުލު ރައްކާތެރިކުރުމަށް އަންނާން އޮތް ޖީލުތައް ތައްޔާރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބައްދަލުވުމުގެ ފަހަތުގެ މަޢުލޫމާތާއި މައިގަނޑު އުޞޫލުތައް
2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ބައްދަލުވުމަކީ ކަނޑުގެ ދިރާސާތައް އެއްތަނަކަށް ގެނެސްދޭ ރާއްޖޭގެ އެންމެ މުހިންމު ޤައުމީ މައިދާނެވެ. މި ބައްދަލުވުމުގެ ސަބަބުން ތަޢުލީމީ މުއައްސަސާތަކާއި، އަމިއްލަ ފަރާތްތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ސަރުކާރުގެ އިދާރާތައް ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބެލެހެއްޓުމަށާއި ޙަޤީޤަތްތަކުގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް އެކުލަވައިލުމަށް މަގުފަހިވެގެންދެއެވެ.
ކުރިއަށް އޮތް ދެ ދުވަހު މި ބައްދަލުވުން ކުރިއަށްދާއިރު، ދިވެހިރާއްޖޭގެ ކަނޑުގެ މާޙައުލު މުސްތަޤުބަލުގައި ރައްކާތެރިކޮށް ދެމެހެއްޓުމަށް ބޭނުންވާ ޞައްޙަ އަސާސްތަކެއް މި ފުޅާ މަޝްވަރާތަކުން ޤާއިމުވެގެންދާނެ ކަމަށް ބައިވެރިން އުންމީދުކުރެއެވެ.