ކަސްޓަމަރުންނަށް ޚިދުމަތް ހޯދަން ފަސޭހަކޮށްދިނުމުގެ ގޮތުން ކ. މާލެ އާއި ކ. ހުޅުމާލޭގެ އިތުރުން ސ. އައްޑޫގައި ހިންގާ މަސްފިހާރަތައް ހުކުރު ދުވަހު ހުޅުވާ ގޮތަށް ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ)އިން ހަމަޖައްސައިފިއެވެ.
މި ބަދަލާއެކު މިމަހުގެ 1 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަސްތަކުގައި ފިހާރަތައް ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން 10:30 އަށް އަދި ރޭގަނޑު 20:00 އިން 23:00 އަށެވެ. އަދި ހަފުތާގެ އެހެން ދުވަސްތަކުގައި ނަމާދު ގަޑިތައް ފިޔަވައި ހެނދުނު 08:30 އިން ރޭގަނޑު 23:00 އަށް ފިހާރަތައް ހުޅުވާފައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ.
މިފްކޯއިން ބުނީ، މި ބަދަލުގެ ސަބަބުން ރަސްމީ ދުވަސްތަކުގައި ވަޒީފާއަށްދާ ފަރާތްތަކަށް ހަފުތާ ބަންދުގައި ގޭބިސީތަކަށް ބޭނުންވާ ތާޒާ މަހާއި އެހެނިހެން އުފެއްދުންތައް ހޯދުމަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަހުގެ އާއިލީ ކެއުންތަކަށް އަމާޒުކޮށްގެން ކޮންމެ ހުކުރު ދުވަހަކު ތަފާތު ޚާއްސަ އުފެއްދުންތަކެއް ބާޒާރަށް ނެރުމަށް ރާވާފައިވާ ކަމަށްވެސް އެކުންފުނިން ބުނެފައި ވެއެވެ.
މިފްކޯއިން މަސްފިހާރަތަކުގެ ޚިދުމަތް ފުޅާކޮށްފައި މިވަނީ މާލެ ސަރަހައްދަށް ބޭނުންވާ އުފެއްދުންތައް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ކ. ކަނޑުއޮތްގިރީގެ އޮޕަރޭޝަންތައް އަލުން ފަށައި، އެރަށުގައި އައު ހިކިމަސް ފެކްޓަރީއަކާއި އައިސް ޕްލާންޓެއް ގާއިމުކޮށްފައިވާ ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން ކުންފުނީގެ އުފެއްދުންތެރިކަން އިތުރުވެ، ކަސްޓަމަރުންގެ ޑިމާންޑާ އެއްވަރަށް މެދުނުކެނޑި ޚިދުމަތް ދިނުމުގެ ގާބިލުކަން ވަނީ އިތުރުވެފައެވެ.