ދިވެހިރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން، ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ދިވެހިންނަށް ނުވަ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
މިއީ ވޯލްޑް ބޭންކާއި ގުޅިގެން ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން، މި ދާއިރާއަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށް ހުޅުވާލި ފުރުސަތެކެވެ.
މި ފުރުސަތުގެ ދަށުން ބެޗްލަރސް ޑިގްރީގެ ދެ ކޯހަކާއި، މާސްޓަރސް ޑިގްރީގެ ހަ ކޯހެއްގެ އިތުރުން ޕީއެޗްޑީ ފެންވަރުގެ އެއް ކޯސް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔަވަން ދެވޭ ދާއިރާތަކުގެ ތެރޭގައި އެކުއާކަލްޗަރ، ފިޝަރީޒް މެނޭޖްމަންޓް، މެރިޓައިމް އެފެއާޒް، މެރިން ސައިންސް، އަދި އެކުއަޓިކް ހެލްތު ހިމެނެއެވެ.
މި ސްކޮލަރޝިޕްތަކަށް ހޮވޭ ފަރާތްތަކުގެ ކޯސް ފީ، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާޗާ އެލަވަންސް އަދި ސްޓައިޕެންޑް ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށް އެވުޒާރާއިން ބުނެއެވެ.
ބެޗްލަރސް ޑިގްރީއަށް ކުރިމަތިލާ ފަރާތްތަކުން އޯލެވެލްގެ ފަސް މާއްދާއިންނާއި އޭލެވެލްގެ ތިން މާއްދާއިން ފާސްވެފައިވުން ލާޒިމުވާއިރު، މާސްޓަރސް ޑިގްރީއަށް އެދޭ ފަރާތްތަކުން ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް އޮތުމާއެކު ދެ އަހަރުގެ ތަޖުރިބާ ހުންނަންޖެހޭނެއެވެ.
ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް ނުވަތަ transform@fishagriocean.gov.mv މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.
ސްކޮލަރޝިޕް ފުރިހަމަކުރުމަށްފަހު ސިވިލް ސަރވިސްގެ ގަވާއިދާ އެއްގޮތަށް އެވުޒާރާއަށް ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.