މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އިން އެ އިންސްޓިޓިއުޓްގެ ނިޔަމިކަމުގެ ސެޓިފިކެޓް ލެވެލް-1 ކޯހުގެ އައު ބެޗެއް ފެށުމަށް ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޓީއައިން ބުނީ، މި ކޯހުގެ ކިޔެވުން މިމަހުގެ 25 ވަނަ ދުވަހު އެމްޓީއައިގެ މާލޭ ކޭމްޕަހުގައި ފަށާނެ ކަމަށެވެ.
ޖުމްލަ 150 ގަޑިއިރުގެ މުއްދަތަށް ކުރިއަށްގެންދާ މި ކޯހުގެ ފީއަކީ 5500 ރުފިޔާއެވެ. ކޯހުގައި ބައިވެރިވުމަށް 9450555 އަށް ގުޅައިގެން ނުވަތަ admin@mti.edu.mv އަށް އީމެއިލް ކޮށްގެން ނަންނޯޓު ކުރެވޭނެއެވެ.
ދިވެހި ނުވަތަ އިނގިރޭސި ބަހުން ވާހަކަ ދައްކަން އަދި ލިޔަން އެނގުމާއެކު ކިޔަވައިދޭ ތަކެތި ފަހުމްވާ ކޮންމެ ފަރާތަކަށް ކޯހުގައި ބައިވެރިވެވޭނެ ކަމަށް އެ އިންސްޓިޓިއުޓުން ބުނެފައިވެއެވެ. އަދި ކޯހުގައި ކަނޑުމަތީގެ ރައްކާތެރިކަމާއި، ނެވިގޭޝަން، އުޅަނދުގެ ދަންފަޅި ބެލެހެއްޓުމާއި، އާންމު ދޯނީގެ މައުލޫމާތު ކިޔަވައިދޭނެ ކަމަށްވެސް ބުނެފައިވެއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ހުއްދައާއެކު ހިންގާ މި ކޯހަކީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދަތުރުކުރާ ކެޓެގަރީ އޭ، ބީ، ސީ އަދި ޑީ ގެ އުޅަނދުތަކުގެ ކެޕްޓަންކަން ކުރުމަށް ބޭނުންވާ ލައިސަންސް ހޯދުމަށް މަގުފަހިކޮށްދޭ ކޯހެކެވެ. މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް (އެމްޓީއައި) އަކީ މެރިޓައިމް ދާއިރާ ތަރައްގީކުރުމަށް ނިޔަމި ކޯހާއި މެރިން މެކޭނިކްސް އަދި ފަޅުވެރިންގެ ކޯސް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.