ފިއުލް ސަޕްލައި އޮފް މޯލްޑިވްސް(އެފްއެސްއެމް) އިން ތިނަދޫ ސިޓީގައި އޮޕަރޭޓްކުރަމުން އަންނަ ތެޔޮ ޝެޑުން، މަސްއޮޑި ފަހަރަށް ސަބްސިޑީ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.
މިކަން ހާމަކޮށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ސަރުކާރުގެ ’ފަހި ހަކަތަ‘ ޕްރޮގްރާމުގައި ރަޖިސްޓަރީކޮށްފައިވާ ހުރިހާ މަސް އޮޑިފަހަރަށް ތިނަދޫ ސިޓީން ސަބްސިޑައިޒް ކުރެވިފައިވާ އަގުގައި ތެޔޮ ގަނެވޭނެ އިންތިޒާމުތައް މިހާރު ފުރިހަމައަށް ހަމަޖައްސާފައިވާކަމަށެވެ.
އެ ވުޒާރާއިން ބުނީ މި އިންތިޒާމުގެ ދަށުން ސަބްސިޑީ ލިބޭ ތެޔޮ ގަތުމަށް ޝަރުތުހަމަވާ ކޮންމެ މަސްދޯންޏަކަށް ވެސް ތެލުގެ ކޯޓާ ކަނޑައަޅައި ދޫކުރަމުން ގެންދާނީ ގާއިމުކޮށްފައިވާ ރަސްމީ ފިޝަރީޒް އިންފޮމޭޝަން ސިސްޓަމް މެދުވެރިކޮށް ކަމަށެވެ. މިއާއެކު ފަހި ހަކަތަ ޕްރޮގްރާމުގައި ބައިވެރިވެފައިވާ ހުރިހާ މަސްވެރިންނަށް ވެސް އެއްވެސް ދަތިކަމެއް ނެތި ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނެއެެވެ.
ސަބްސިޑައިޒް އަގުގައި ގދ.ތިނަދޫ އިން ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާއިރު މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދ.މީދޫ އިންވެސް ސަބްސިޑައިޒް އަގުގައި ތެޔޮ ލިބޭނޭ އިންތިޒަމް މިހާރުވަނީ ހަމަޖައްސާފައެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ އެކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ކުރާ އަސަރު ކުޑަކުރުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް 22 އޭޕްރީލް 2026 އިން ފެށިގެން ރާއްޖޭގެ އުތުރާއި ދެކުނުން އެފް.އެސް.އެމްގެ ޝެޑް ގާއިމުކޮށްފައިވާ ހުރިހާ ހިސާބަކުން އަގު ހެޔޮ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް މި ވަނީ ހަމަޖެހިފައެވެ.