ޅ.ކުރެންދޫގައި ކުރިޔަށްގެންދިޔަ އަގުއެއްކުރި މަހުގެ އުފެއްދުން ތައްޔާރުކުރުމާއި ކުދި ވިޔަފާރި ހިންގާ ބެލެހެއްޓުމުގެ ތަމްރީނު ޕްރޮގުރާމް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީއާއި ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގުޅިގެން ކުރެންދޫގައި މި މަހުގެ 5 އިން 9 އަށް ކުރިއަށް ގެންދިޔަ މި ތަމްރީން ޕްރޮގްރާމްގައި 23 އަންހެނުންނާއި 03 ފިރިހެނުން ހިމެނޭގޮތައް ޖުމްލަ 26 ފަރާތަކުން ބައިވެރިވިއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި، މަހުން ތައްޔާރުކުރާ އަގު އެއްކުރި ބާވަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، އަމަލީ ގޮތުން އެފަދަ އުފެއްދުންތައް ތައްޔާރުކުރުމުގެ ފުރުޞަތު ބައިވެރިންނަށް ފޯރުކޮށްދީފައި ވެއެވެ. އަދި، ވިޔަފާރީގެ އުޞޫލުން މިފަދަ މަސައްކަތްތައް ކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތާއި ހުނަރުތައް ބައިވެރިންނަށް ދަސްކޮށްދީފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައިވެއެވެ.
މި ތަމްރީނު ޕްރޮގްރާމުގައި މަޢުލޫމާތު ފޯރުކޮށްދެއްވީ ފިޝަރީޒް މިނިސްޓްރީގެ ފަންނީ މުވައްޒަފުންނެވެ.