ކެޔޮޅުންގެ ލޮބީން އިންތިޒާމުކޮށްގެން ބާއްވާ ”މޯލްޑިވްސް ޓުނާ ރޭސް 2025“ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރާއްޖޭގައި ދޮށީ މަސްވެރިކަމުގައި ހަރަކާތްތެރިވަމުން އަންނަ އޮޑިފަހަރުތަކަށް ޚާއްސަކޮށްގެން އަންނަ ޑިސެންބަރު މަހުގެ 5-6 އަށް ކުރިޔަށްގެންދާ މި ރޭހަކީ، ކެޔޮޅުންގެ ލޮބީގެ އަހަރީ ދުވަހާއި، މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެގޮތުން ކުރިޔަށްގެންދާ ހަރަކާތެކެވެ. ކޮންމެ އަހަރަކުވެސް ޚާއްސަ އިނާމުތަކަކާއެކު މި ރޭސް ކުރިޔަށްގެންދަން ރާވާފައިވާކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
24 ގަޑީއިރުގެ މި ރޭހަކީ، ދޮށީ މަސްވެރި އާއިލާގެ މެދުގައި އެކުވެރިކަން އާލާކޮށް، ގުޅުން ބަދަހިކޮށް އެއްބައިވަންތަކަމުގެ ރޫހެއް އުފެއްދުމަށާއި، ޒުވާނުން ދޮށީ މަސްވެރިކަމަށް ޝައުގުވެރިކަން އުފެއްދުމަށާއި، ދޮށީ މަސްވެރިކަން ޕްރޮމޯޓްކޮށް، އާންމުންގެ މެދުގައި މި ސިނާއަތައް އޮންނަ ލޯބި އިތުރުކުރުމުގެ މަގުސަދުގައި ބާއްވާ ހަރަކާތެއްކަމަށް ކެޔޮޅުންގެ ލޮބީން ބުންޏެވެ.
ކެޔޮޅުންގެ ލޮބީން މިރޭވަނީ ”މޯލްޑިވްސް ޓޫނާ ރޭސް 2025″ގައި ބައިވެރިވާން ޝައުގުވެރިވާ އޮޑިފަހަރަށް، ރޭހުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައެވެ. ރޭހުގައި ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ އަންނަ ޖުލައި މަހުގެ 10 ވާ ބުރާސްފަތި ދުވަހުގެ 16:00 އެވެ. ރޭހުގައި ބައިވެރިވާން ބޭނުންވާ އޮޑިފަހަރުން، ރޭހަށް ކަނޑައަޅާފައިވާ ފޯމް ފުރުމަށްފަހު ލޮބީގެ އިދާރާއަށް ހުށަހެޅިދާނެއެވެ. ނުވަތަ އެ ޖަމްއިއްޔާގެ މެއިލް މެދުވެރިކޮށްވެސް ފޯމް ހުށަހެޅިދާނެކަމަށް ލޮބީން ބުންޏެވެ. ރޭހުގައި ބައިވެރިވެވޭނީ ގައުމީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ އަދި މަސްވެރިކަމުގެ ލައިސަންސް ނަގާފައިވާ އޮޑިފަހަރަށެވެ.












