މޫސުން ގޯސްވެ، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމީ ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ، ބ އަތޮޅުން ފެށިގެން ލ އަތޮޅު ހިމެނޭ ސަރަހައްދަށެވެ. ހެނދުނު 0830 އިން މެންދުރު 0130 އާ ހަމަޔަށް ސަމާލު ނެރެފައިވަނީ، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު، ގުގުރުން އެކަށީގެންވާކަމަށެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ކުރިޔަށް އޮތް 24 ގަޑީއިރަށް މޫސުން ކުރިޔަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، އެކިހިސާބަށް ވިއްސާރަކުރާނެކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާގޮތުގައި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އަދި، ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކޮށްފައި ވެއެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް އަންދާޒާކޮށްފައިވަނީ 3-6 ފޫޓް އުސްމިނުގައެވެ.