މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އަށް މަސް ވިއްކާ އޮޑިފަހަރަށް ޚާއްސަ އަގުތަކެއްގައި އިއްޔެއިން ފެށިގެން ޑީސަލް ވިއްކަން ފަށައިފި އެވެ.
މިފްކޯއަށް މަސްކިރާ އޮޑިފަހަރަށް ޚާއްސަ އަގުތަކެއް ކަނޑައަޅާފައި މިވަނީ ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން(އެސްޓީއޯ) އިން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާ ދަނޑިވަޅެއްގައެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ގުޅިގެން، އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ގެނައި ބަދަލާއެކު މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކަނީ 17.54ރ. އަށެވެ. މިއީ ކުރިން އެސްޓީއޯއިން ޑީސަލް ވިއްކި އަގާ އަޅާކިޔާއިރު 3.62ރ. ގެ ބޮޑުވުމެކެވެ.
އެސްޓީއޯއިން އަގަށް މި ގެނައި ބަދަލާއެކު މިފްކޯއިން ވަނީ އެކުންފުނީގެ އެކި ފެސިލިޓީތަކާއި، ބޯޓުފަހަރަށް މަސް ކިރާ ނުވަތަ ވިއްކާ އޮޑިފަހަރަށް ޑީސަލް ވިއްކާނެ އަގު ކަނޑައަޅާ އިއްޔެ އިއުލާނުކޮށްފައެވެ. އެގޮތުގެ މަތިން އިއްޔެއިން ފެށިގެން މިފްކޯއަށް މަސް ކިރާ ހުރިހާ ފަރާތްތަކައް ޑީސަލް ވިއްކަމުން އަންނަނީ ލީޓަރެއް 16.54ރ. ގެ ރޭޓުންނެވެ.
މިފްކޯއިން ބުނީ އެކުންފުނީގެ މަސް ގަންނަ ސެންޓަރުތަކާއި، ބޯޓް ފަހަރަށް 3 ޓަނަށްވުރެ އިތުރަށް މަސްކިރާ ފަރާތްތަކައް ޑީސަލް ލީޓަރެއް 16.04ރ ގެ ރޭޓުން ވިއްކާނެކަމަށެވެ. އެހެންނަމަވެސް އާންމު ފަރާތްތަކައް ޑީސަލް ލީޓަރެއް ވިއްކާނީ އެސްޓީއޯގެ ރޭޓުން 17.54ރ. އަށްކަމަށް މިފްކޯއިން ބުންޏެވެ.