މަސްވެރިކަމާ ގުޅޭ މަސައްކަތްތައް ކުރުމަށް ޚާއްސަ އިމާރާތެއް އެޅުމަށް ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލުން ނިންމައިފި އެވެ.
ވަގްފް މަޝްރޫއެއްގެ ގޮތުގައި ކައުންސިލުން ކުރިޔަށް ގެންދަން ނިންމާފައިވާ މި މަޝްރޫއުގެ ދަށުން އެ ރަށުގައި ކަނޑުމަހާއި، ފަރުމަހާއި އަދި ލަނޑާގެ ވިޔަފާރީގެ މަސައްކަތްކުރުމަށް އަަޅަން ނިންމާފައިވަނީ 10 އައުޓްލެޓް ހިމެނޭ އިމާރާތެކެވެ. ކައުންސިލުން އިމާރާތުގެ ޑިޒައިން ނިންމައި އިއްޔެ ވަނީ މި މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މަޝްރޫއާބެހޭ ހުރިހައި މައުލޫމާތަކާއެކު ނެއްލައިދޫ ކައުންސިލުން އިއްޔެ އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ކައުންސިލް އިދާރާއިންދޭ މަޢުލޫމާތު ކަރުދާހާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި އެ ޢިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. އަދި، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަހުގެ 24 ވަނަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރުމަށް ކަނޑައަޅާފައިވާ ލިންކް މެދުވެރިކޮށް ”ބިޑް ރަޖިސްޓްރީ ފޯމް“ ފުރިހަމަކުރުމަށް އެދޭކަމަށެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނިކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 04 އޮގަސްޓް 2025 ވަނަ ދުވަހުގެ 10:30 ގައި ނެއްލައިދޫ ކައުންސިލް އިދާރާގައެވެ. މި މަޝްރޫއާ ބެހޭގޮތުން އެއްވެސް ސުވާލެއްއޮތްނަމަ 24 ޖުލައި 2025 ގެކުރިން ކައުންސިލްގެ ފޯން ނަންބަރު 6520041 ގުޅައިގެން ނުވަތަ projects@nellaidhoo.gov.mv މެދުވެރިކޮށް މައުލޫމާތު ސާފުކޮށްލެވޭނެކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.