ގދ. މަޑަވެލީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ”އުހުންތަކުރާ މަސްރޭސް 2025“ ގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާނެ ވޮލަންޓިއަރުން ހޯދަން އިއުލާނުކޮށްފި އެވެ.
ކައުންސިލުން ވޮލަންޓިއަރުން ހޯދުމަށް ނެރުނު އިއުލާނުގައި ބުނެފައިވަނީ، މަސް ރޭސް އޮންނާނީ 12 ޑިސެމްބަރ 2025 ވާ ހުކުރު ދުވަހު ގައިކަމަށާއި، ރޭހުގައި ބައިވެރިވެރިވާ ޓީމްތަކާއިއެކު ދޯނިތަކުގައި ފުރުމަށް ޖުމްލަ 8 އޮފިޝަލުން ހޯދަން ބޭނުންވާކަމަށެވެ.
ވޮލަންޓިއަރެއްގެ ގޮތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 10 ޑިސެމްބަރ 2025 ވަނަ ދުވަހުގެ 12:00ގެ ކުރިން އެކަމަށް ކަނޑައަޅާފައިވާ އޮންލައިން ފޯމް ފުރުމަށްފަހު ހުށަހެޅުމަށް ކައުންސިލުން އެދިފައި ވެއެވެ. އޮފިޝަލުން ނަގާނީ ޝަރުތު ފުރިހަމަވެފައިވާ ފަރާތްތައް އޮފިޝަލަކަށްވުމަށް އެދި ހުށަހަޅާ ތަރުތީބުންކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
އޮފިޝަލުންގެ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވުން، ކަނޑުމަތީގައި އުޅެވޭނެފަދަ ސިއްޙަތެއްގައި ހުރުން، އިވެންޓް ހިގަމުންދާ ވަގުތު ފޮޓޯ އަދި ވީޑިއޯ ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން ކައުންސިލާއި ޙިއްސާކުރެވޭނެފަދަ މީހެއް ކަމުގައިވުން ހިމެނެއެވެ. ކައުންސިލުން ބުނީ އޮފިޝަލެއްގެ ގޮތުގައި ބައިވެރިވާ ފަރާތްތަކަށް އިންޓަރނެޓަށް 100 ރުފިޔާގެ އެލަވަންސެއް ހަމަޖައްސައިދޭނެކަމަށެވެ. އަދި އޮފިޝަލަކީ މަސް ރޭހުގައި ބައިވެރިވާ އެއްވެސް ޓީމެއްގެ މެންބަރަކަށް ވެގެން ނުވާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.
އޮފިޝަލުންގެ ޒިންމާތަކުގެތެރޭގައި، ރޭހުގައި ވާދަކުރާ ޓީމްތަކުން ރޭހުގެ ގައިވައިދާ އެއްގޮތައް އަމަލުކުރޭތޯ ބެލުމުގެ އިތުރުން، ކަނޑައެޅިފައިވާ އުޞޫލުތަކާއި ޚިލާފަށް ކަމެއްދާނަމަ އެކަން އިންތިޒާމް ކޮމިޓީއަށް އެންގުން ހިމެނެއެވެ. ކައުންސިލުން ބުނީ، އެއްވެސް ކަމެއް އޮޅުވާލުމުގައި، އޮފިޝަލަކަށް ހުންނަ ފަރާތުން މަސައްކަތް ކުރެވިފައިވާކަން ރޭހުގެ ތެރެއިން އަދި ފަހުންވެސް ސާބިތުވެއްޖެނަމަ، އެ އޮފިޝަލަކަށް ކައުންސިލުން ހިންގާ މިފަދަ ރޭހެއް/މުބާރާތެއްގައި (3) އަހަރު ދުވަހުގެ މުއްދަތަށް ބައިވެރިއެއްގެ ގޮތުން އަދި އޮފިޝަލެއްގެ ގޮތުންވެސް ހަރަކާތްތެރިއެއް ނުވެވޭނެކަމަށެވެ.