މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ.ދުވާފަރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވަޑައިގަތުމަށް، އެރަށަށް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުފަތުރުތައްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފިއެވެ.
އެ މިނިސްޓްރީން މިއަދު އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، މަސްވެރިންގެ ދުވަސް ފާހަގަކުރަން ދުވާފަރުގައި ހިންގާ ހަރަކާތްތަކައް ވަޑައިގަންނަވާ ބޭފުޅުންގެ ދަތުރުފަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށާއި، ދަތުރުތައްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާކަމަށެވެ.
މި މަސައްކަތައް ބީލަން ހުށަހެޅުން އޮންނާނީ އަންނަ ޑިސެމްބަރުމަހުގެ 2 ވަނަ ދުވަހުގެ 11:00 ގައެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު 3322625އަދި 3339239 ނަންބަރު ފޯނަށް ގުޅާލައިގެން ސާފުކޮށްލެވޭނެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބާއްވަން ސަރުކާރުން ނިންމާފައިވަނީ ރ. ދުވާފަރުގައެވެ. މިއަހަރު ފާހަގަކުރަނީ 45ވަނަ މަސްވެރިންގެ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން، މަސް ރޭހަކާއި، މަސް ކެނޑުމުގެ މުބާރާތަކާއި، ކެއްކުމުގެ މުބާރާތެއްގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ފިޝަރީޒް މިނިސްޓްރީއާއި ދުވާފަރު ކައުންސިލުން ގުޅިގެން ދަނީ ކުރަމުންނެވެ.