ރ. ދުވާފަރު ބަނދަރު ހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން އެރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ބީލަމަށް ހުޅުވާލާ ކައުންސިލުން އާންމުކުރި އިއުލާނެއްގައި ބުނެފައިވަނީ، ކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް ބަނދަރު ހިޔާ ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށާއި، އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާކަމަށެވެ.
ބީލަން ހުށަހަޅަން ރަޖިސްޓްރީ ކުރަން ޖެހޭއިރު، ބީލަމުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން 04 ނޮވެމްބަރ 2025 ވާ އަންގާރަ ދުވަހުގެ 11:00 ގެ ނިޔަލަށް ކައުންސިލް އިދާރާގެ ބީލަންވެރިން ރަޖިސްޓަރ ކުރާ ޝީޓް ފުރަންޖެހެއެވެ. ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ރަޖިސްޓްރީވާން އެދޭ ފޯމް ފުރުމަށްފަހު ކައުންސިލް އިދާރާގެ ރިސެޕްޝަނަށް ހުށަހެޅިދާނެއެވެ. ނުވަތަ ކައުންސިލް އިދާރާގެ އީމެއިލް އެޑްރެސް procurement@dhuvaafaru.gov.mv އަށް ފޮނުވިދާނެއެވެ. ރަޖިސްޓްރީކުރަން ދިން މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނުދޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ބީލަމުގެ ’ޕްރީ ބިޑް މީޓިން އޮންނާނީ އަންނަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 11:00ގައި ކައުންސިލް އިދާރާގައެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުގެ ހެނދުނު 11:00ގައި ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ.