ކ.ރިހިވެލި ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، ދަތުރުކުރުމުގައި ސަމާލުކަން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް(އެމްއެންޑިއެފް) އިން އިލްތިމާސްކޮށްފި އެވެ.
އެމްއެންޑީއެފް އިން މިފަދައިން އިލްތިމާސްކޮށްފައިވަނީ، އިއްޔެ މާލެއިން ފުރައިގެން ލ.ހިތަދޫއަށް ދަތުރުކުރަމުންދަނިކޮށް އިއްޔެ އަޑިއަށްދިޔަ ”އޯޝަން އެކްސްޕްރެސް“ ބޯޓުގައި ހުރި ބައެއް ސާމާނު އޮޔާދާނެކަމަށް ލަފާކުރެވޭތީއެވެ. އެމްއެންޑީއެފްއިން ވަނީީ އެ ސަރަހައްދުން ދަތުރުކުރާއިރު ސަމާލުކަން ދިނުމަށާއި، އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ދަތުރުކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
8 ދިވެހީންނާއި 4 ބިދޭސީން ހިމެނޭގޮތައް 12 ފަޅުވެރިންނާއެކު މާލެއިން ލ. ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ މި ބޯޓް ކޮންޓްރޯލް ނުވާވަރަށް ދިޔަވެ، އަޑިޔަށްދިޔައީ ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރި އަށެވެ. އެ އުޅަނދުގައި ތިބި މީހުން ސަލާމަތްކޮށް ސަން ސިޔާމް އޮޅުވެލި ބީޗް ރިޒޯޓަށް ފުރަތަމަ ގެންދިއުމަށް ފަހު، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގައި އެ މީހުން މާލެގެނައީ ރޭގެވަގުތެއްގައެވެ.












