މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން އޮޕަރޭޓްކުރަމުން އަންނަ ކ. ކަނޑުއޮށްގިރި ފިޝިންގް ވިލެޖްގައިހުރި ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.
މިފްކޯއިން ބުނީ ކަނޑުއޮށްގިރި ފިޝިންގް ވިލެޖްގައިހުރި 30-40 މެޓްރިކްޓަންގެ ޖަންކް ސްކްރޭޕް ނީލަމުގައި ވިއްކާލުމަށް ގަސްދުކުރާކަމަށާއި، މި ޢަދަދުތަކަކީ، އަންދާޒާ ޢަދަދުތަކަށްވާތީ، އުނިއިތުރު އައުމަކީ އެކަށީގެންވާކަމެެއްކަމަށެވެ. އަދި، ނީލަމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން، މިތަކެތީގެ މައުލޫމާތު ސާފުކުރުމަށް ކަނޑުއޮށްގިރިން 7786229 ނަންބަރު ފޯނާ ގުޅާލުމަށް މިފްކޯއިން އެދިފައި ވެއެވެ.
ނީލަން ކިޔުން އޮންނާނީ ފެބްރުއަރީ 3ވަނަ ދުވަހުގެ ހެނދުނު 11:00ގައި މިފްކޯ ހެޑް އޮފީސް މީޓިންގ ރޫމްގައެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވަނީ، މެޓްރިކްޓަނަކަށް ހުށަހަޅާ އެންމެ މަތީއަގު ލިޔުމަކުން ހުށަހެޅުމުން، ހުށަހަޅާ އެންމެ މަތީއަގަކުން ނީލަން ފަށައިގެން، ހާޒިރުވެ ތިބޭ އެންމެންގެ މެދުގައި ނީލަން ކުރިއަށް ގެންދާގޮތަށެވެ. ނީލަން ފަށާއިރު އެފަރާތެއްގެ އަގު ސީލްކުރެވިފައިވާ ސިޓީއަކުން ހުށަނާޅާ ފަރާތްތަކަށް ނީލަމުގައި ބައިވެރިއެއް ނުވެވޭނެކަމަށް މިފްކޯއިން ބުންޏެވެ.
މި ނީލަމުގައި ބައިވެރިވެވޭނީ ފެބްރުއަރީ 2ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން bid@mifco.mv އީމެއިލް މެދުވެރިކޮށް ނީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. އަދި ނީލަމުގައި ބައިވެރިވެވޭނީ ފަންސާސް ހާސް ރުފިޔާގެ ޑިޕޮސިޓެއް ދައްކައިގެންނެވެ. ނީލަން ކާމިޔާބު ނުކުރެވޭ ފަރާތްތަކަށް ޑިޕޮސިޓްގެ ގޮތުގައި ދެއްކި ފައިސާ އަނބުރާ ރައްދުކޮށްދޭނެކަމަށް މިފްކޯއިން ބުނެފައި ވެއެވެ.