ހުޅުމާލެއާއި ކުޑަގިރީގައި މުރަކަ އިންދުމުގެ ހާއްސަ ހަރަކާތެއް ބޭއްވުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.
އަންނަ މެއި މަހުގެ 13 ވަނަ ދުވަހު ބާއްވާ މި ހަރަކާތަކީ، ހުޅުމާލޭގެ ޗެނަލް ޕާކު ސަރަހައްދާއި ކުޑަގިރި ”ދޫނިޔާ ޑައިވް ރެކް“ ގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، މޫދުގެ ދިރުންތައް އާލާކުރުމަށް އެޗްޑީސީން ކުރިޔަށްގެންދާ މަސައްކަތުގެ ތެރެއިން ބާއްވާ މުރަކަ އިންދުމުގެ ހާއްސަ ހަރަކާތެކެވެ.
އެޗްޑީސީން މިހާރު ވަނީ އެ ހަރަކާތުގައި ބައިވެރިވާން ބޭނުންވާ މަދަނީ ޖަމްއިއްޔާތަކައް ފުރުސަތު ހުޅުވާލާފައެވެ. އެކުންފުނިން މިކަމާގުޅޭގޮތުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، މި ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހުޅުވާލާފައިވާކަމަށާއި، ބައިވެރިވާން ބޭނުންވާ ޖަމްއިއްުޔާތަކުން cest@hdc.mv އަށް އީމެއިލް ކުރުމަށް އެދޭކަމަށެވެ.
މި ހަރަކާތަކީ، ކަނޑުގެ ދިރުންތައް އާލާކުރުމާއެކު، އެޗްޑީސީގެ ކަންކަމުގައި މުޖުތަމައުގެ ބައިވެރިވުން އިތުރުކުރުމުގެ މަގުސަދުގައި ފެށި ހަރަކާތެކެވެ. އެޗްޑީސީން ބުނީ، މި މަޝްރޫއުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އާ ދިރުމެއް ލިބި، ތިމާވެށީގެ ރީތިކަން ދެމެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށެވެ.
ތިމާވެއްޓާ ގުޅުންހުރި މިފަދަ މަޝްރޫއުތައް ކުރިއަށްގެންދިއުމުގައި އެކި ޖަމިއްޔާ ޖަމާއަތްތަކުންދޭ އެއްބާރުލުމަށް އެ ކޯޕަރޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.