މަސްކައްކާ ހިއްކުމާއި މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމަށް ބިން ކުއްޔަށް ދޫކުރުމަށް ރ.މަޑުއްވަރީ ކައުންސިލުން ނިންމައިފި އެވެ.
އެކައުންސިލުން ބުނީ އެރަށުގެ މަސްކައްކާ ސަރަހައްދުން ފަސް ބިމެއް ”މަސް ކައްކާ ހިއްކާ ބިން“ ގެ ނަމުގައި ކުއްޔަށް ދޫކުރަން ނިންމާފައިވާކަމަށެވެ. އެގޮތުން އެރަށުގެ ނުވަ ވަނަ ކޮށިން މިމަސައްކަތައް 1800 އަކަ ފޫޓުގެ ފަސް ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިބިންތައް ވިޔަފާރިި އުސޫލުން ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ދިހަ އަހަރުދުވަހުގެ މުއްދަތަކަށެވެ.
މަޑުއްވަރީ ކައުންސިލުން މިކަމާއި ގުޅޭގޮތުން އާންމުކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މިބިންތަކުގައި ކުރެވޭނީ މަސްކައްކާ ހިއްކުމާއި މަސް ލޮނުއެޅުމާއި މަސްއަވީލުމާއި މަސް ބަންދުކުރުމާއި މަސް ޕްރޮސެސްކުރުމާއި މިނޫންވެސް މަސްވެރިކަމާއި ގުޅުންހުރި މަސައްކަތް އެކަނި ކަމަށެވެ. އަދި، ބިޑް ކާމިޔާބުކުރާ ފަރާތްތަކުން ބިމުގައި ޢިމާރާތްތަކާއި އެހެނިހެން ވަސީލަތްތައް ގާއިމުކުރުމުގެ ފުރިހަމަ އިޚުތިޔާރުދޭ އިރު، ބިމުގެ އެއްބަސްވުމުގައި ސޮއިކުރާތާ 4 މަސްދުވަސްތެރޭގައި ބިމުގައި މަސްކައްކާ ހިއްކުމުގެ މަސައްކަތް ކުރަން ފަށަންޖެހޭނެކަމަށެވެ.












