ތ. ވޭމަންޑޫގެ ބަނދަރުން ޚިދުމަތް ހޯދާ އޮޑިފަހަރަށް ބޭނުންވާ ފެން ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އަނެއްކާވެސް ވޭމަންޑޫ ކައުންސިލުން އިއުލާނުކޮށްފި އެވެ.
ވޭމަންޑޫ ކައުންސިލުން މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން އަލުން ބީލަމަށް ހުޅުވާލީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިދިޔަ ޖުލައި މަހު ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް ޝައުގުވެރިކަން ފާޅުކޮށްފައިނުވާތީ އެވެ.
ވޭމަންޑޫ ކައުންސިލުން ބުނީ، މިމަހުގެ 25 ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓްރީކުރެވޭނެކަމަށާއި، ބީލަން ހުށަހެޅުމާ ހުޅުވުން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުގެ 10:30 ގައި ވޭމަންޑޫ ކައުންސިލްގެ އިދާރާގައިކަމަށެވެ. ބީލަން ހުށަހަޅާނީ ވޭމަންޑޫ ކައުންސިލްގެ އިދާރާއަށް ހާޒިރުވެކަމަށާއި، ހާޒިރުނުވެ ހުށަހަޅާ ބީލަން ބަލަައިނުގަންނާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި، ވޭމަންޑޫ ކައުންސިލް އިދާރާގައި ބީލަންވެރިންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިނުވާ ބީލަންތައްވެސް ބަލައި ނުގަންނާނެކަމަށް ކައުންސިލުން ބުންޏެވެ.
މިބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.