ގދ. ގައްދޫ ނެރު ބައްތި ވެއްޓިފައިވާތީ ނެރު ބޭނުންކުރާ އުޅަނދުފަހަރުތަކުން ސަމާލުވުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.
ގައްދޫ ނެރު ބައްތި ވެއްޓިފައިވަނީ މިމަހުގެ މެދުތެރޭގައި ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރުގަދަވެ، ކުރި ވިއްސާރައިގެ ތެރޭގައެވެ. ގައްދޫ ކައުންސިލް ރައީސް މުހައްމަދު އަހްމަދު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެރުން ވަދެނިކުމެ ހަދާ އުޅަނދު ފަހަރު ސަމާލުވުމަށް އިލްތިމާސްކުރައްވާކަމަށެވެ. ވަކިން ޚާއްސަކޮށް ގައްދޫ ނޫން އެހެން ރަށްރަށުން، ގައްދުއަށް ދަތުރުކުރާ އުޅަނދު ފަހަރުތައް އިތުރަށް ސަމާލުކަން ދިނުމަށް އެދޭކަމަށެވެ.
”މީގަ ބޮޑަށް ތީ ނޫހެއް ވީމަ އަޅުގަނޑު މި އެދެނީ ޚާއްސަކޮށް ރަށުން ބޭރު ފަރާތްތަކަށް… ގައްދޫ ނޫން ފަރާތްތަކުން ގައްދޫ ނެރު ބޭނުން ކުރާއިރު ސަމާލުވެލެއްވުމަށް. ނޭނގޭނެ ނެރު އިންނަ ގޮތެއް އަދި ޖީޕީއެސް އިން ދެއްކި ކަމުގަ ވިޔަސް އެހާ އެކިއުރެސީ ހައި އެއް ނުވާނެތާ ދެއްތޯ. ރަށުން ބޭރު ފަރާތްތައް ރަށަށް ވަދެ ނިކުމެ ހެދުމުގައި،އަދި ޚާއްސަކޮށް ރޭގަނޑު ދަތުރުކުރައްވާއިރު ސަމާލުވުމަށް އިލްތިމާާސްކުރަން.“ ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ، ނެރު ބައްތި ވީހާވެސް އަވަހަށް ހަރުކުރުމަކީ ނެރު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ވަރަށް މުހިންމު ކަމެއް ކަމުން، އެކަން އަވަހަށް ކުރެވޭނެގޮތެއް ހޯދުމުގެ މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން، އެރަށުގެ އާ ބަނދަރު ހަދަމުންދާ ކުންފުނިކަމަށްވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ(އެމްޓީސީސީ) އަށް ނެރު ބައްތި ވެއްޓުނު ކަމުގެ ރިޕޯޓް ކައުންސިލްގެ ފަރާތުން ފޮނުވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޓީސީސީއަށް މިފަދައިން ކައުންސިލުން ރިޕޯޓްކޮށްފައިވަނީ، އާ ބަނދަރު ހެދުމުގެ މަޝްރޫއުގެތެރޭގައި ނެރު ބައްތި ހަރުކުރުން ހިމެނޭތީއެވެ. ކައުންސިލްގެ ރައީސް ވިދާޅުވީ، ބަނދަރު މަޝްރޫއު ކުރިޔަށްދަނިކޮށް މީގެކުރިންވެސް ނެރު ބައްތި ވެއްޓުނުކަމަށެވެ. އަދި، އެފަހަރު ނެރު ބައްތި ހަރުކުރީ ކައުންސިލްގެ ޚަރަދުގައި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
”ވެއްޓުނު ނެރު ބައްތިއަކީވެސް ބަނދަރު މަޝްރޫއު ހިނގަ ހިނގާ ހުއްޓާ ކައުންސިލުން ޚަރަދުކޮށްގެން ހަރުކުރި އެއްޗެއް. އަދިވެސް އެ މަޝްރޫއު ނުނިމޭ، އެ މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގަ އެބައިން ދެ ފައި ކައްޓާއެކު، ވަންނަ ނެރުކޮޅުގަ ބައްތި ހަރުކުރުން. މިހާރު ދެން ޕްލޭނަކީ އެމްޓީސީސީ އަށް ގުޅައިގެން މިކަމަށް ހައްލެއް ގެނައުން. ދެން އަބަދަކު ނުވާނެއެއްނު ކައުންސިލަކަށް ވެސް ދެއްތޯ؟ ނެރުބައްތި އަށް ދާނެ މަދުވެގެން ފަސްހާސް ރުފިޔާ ބައްތިއަކައް. ދެން ދިހަ ހާސް ރުފިޔާ އިންސްޓޮލޭޝަނަށް، ވިހި ހާސް ރުފިޔާ އެހެންވީމަ އެއީ ކައުންސިލުން ކުރި ޚަރަދު، ދެން ބަލާ ގާތްގަނޑަކަށް ތިރީހަކަށް ހާސް ރުފިޔާގެ މަސައްކަތެއްކަމަށް އެއީ.“ ކައުންސިލް ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ، ބަނދަރު މަޝްރޫއު ހުއްޓިފައި އޮންނަތާވެސް އަހަރެއްހާ ދުވަސްވެފައިވާކަމަށާއި، ބޭރު ތޮށީގަ ޑިންގީ ޖެޓީ ފަޅު އެތެރެއަށް ހަދަމުންދާ ޑިންގީ ފާލަމުގެ ޕިލާސްތަކުގެ ބުޑުތަކުގެ ކޮޅުގަ ހުރި ދަގަނޑުތަކުގަ މިހާރު ދަބަރުވެސް ޖަހަން ފަށާފައިވާކަމަށެވެ.
”ބަނދަރު މަސައްކަތް ކުރިއަށް ދާއިރުވެސް ހަމަ އެ ނެރުން ވަދެ ނިކުމެ ހަދާނީ، ބަނދަރު މި އިންނަނީ ރަށުގެ ހުޅަނގު ފަރާތުގަ. ރަށުގެ ދެބަނދަރު އޮތީ ފުރިފަ، ރަށުގަ ދެ ބަނދަރު އޮވޭ ދެކުނު ބަނދަރު އާއްމުކޮށް ބޭނުންކޮށް އުޅެނީ ކުދި އުޅަނދުފަހަރާއި ލޯންޗުފަހަރުތަކާއި ޑިންގީ އުޅަނދުފަހަރަށް ދެން އުތުރު ބަނދަރު ބޭނުންކުރާނީ މަސް އުޅަނދު ފަހަރަށް. ދެން މިބުނާހެން އުތުރު ބަނދަރުގަ މަސް އުޅަނދު ފަހަރު މި ހުންނަނީ. އުތުރު ބަނދަރުގަ ރަސްމީ ނެރު އިންނަނީ،. ނެރުގެ ބައްތި މި ވެއްޓުނީ. ދެން އައިސް ޖެޓީ ވެސް ނެރުގެ ވާތްފަރާތު ކައިރީގަ މި އިންނަނީ ދެން ވިސްނަވާލައްވާ!“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިކަމާއި ސީދާ ގުޅުން ހުރި މިފަދަ ކިތަންމެ ކަމެއް ކުރިޔަށް ނުގޮސް އެބަހުރިކަމަށެވެ. އެގޮތުން އެރަށުގައި ހިނގަ ހިނގާ ހުރި އައިސް ޕްލާންޓްގެ ސެންސަރެއްގެ މައްސަލަ ޖެހިގެން އައިސް ދޫކުރުން ހުއްޓިފަ އޮންނަތާ ހަމަހަށްވުރެ ގިނަ ދުވަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ރައީސް ފާހަގަކުރެއްވިއެވެ.