މެރިޓައިމް ޓްރެއިނިންގ އިންސްޓިޓިއުޓް(އެމްޓީއައި) އާއި އައްޑޫސިޓީ ކައުންސިލާއި ގުޅިގެން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ”ނިޔަމި ކޯސް 2 “ ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލީ، ކޯހުގައި ބައިވެރިވުމަށް ނަން ނޯޓްކުރުމަށް އެ ކައުންސިލުން ޖޫންމަހުގެ ތެރޭގައި އާންމުކުރި އިއުލާނަށް އެކަށީގެންވާ ޢަދަދަށް ބައިވެރިން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ އެވެ. އެހެންކަމުން އެ ކައުންސިލުން މިއަދު ވަނީ ކުރިން ކުރި އިއުލާނު ބާޠިލްކޮށް ނިޔަމި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު އަލުން ހުޅުވާލާފަ އެވެ.
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަމާއި، އައިޑީ ކާޑު ނަންބަރު އަދި ގުޅޭނެ ނަންބަރާއި މެއިލް އެޑްރެސް 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކައުންސިލް އިދާރާގެ (ފޯނު ނަންބަރު: 7925003) އަށް ވައިބަރ ކުރުމަށް ނުވަތަ އެ އިދާރާގެ ސޯޝަލް އެފެއާޒް ޔުނިޓަށް ss@adducity.gov.mv މެއިލް ކުރުމަށް ކައުންސިލުން އެދިފައި ވެއެވެ. ކައުންސިލުން ބުނީ، ކުރިން ނަން ނޯޓްކުރި ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އަލުން ނަން ހުށަހަޅަން ނުޖެހޭނެ ކަމަށެވެ.












