ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއް އަތުލައިގެންފި އެވެ.
މި ބޯޓުތައް ހިފަހައްޓައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ޕެޓްރޯލްކުރުމުގެ މަސައްކަތުގެ ތެރެއިން މިމަހުގެ 5ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.
ސްރީލަންކާއަށް ނިސްބަތްވާ މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
މީގެ އިތުރުން،، ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެމްއެންޑީއެފް އެއާކޯގެ ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ވަދެ އުޅުނު ބޭރުގެ ބޯޓެއްވެސް ވަނީ އަތުލައިގަނެފައެވެ. މިކަން ކުރިއަށް ގެންގޮސްފައި ވަނީ، ބޭރުގެ ބޯޓެއް ގާނޫނާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވިގެން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.