ސަރުކާރު މަސްކުންފުނި، މިފްކޯގެ ބޯޑުގައި މަސްވެރިން ތަމްސީލުކުރާ މެންބަރަކަށް ކެޔޮޅު ރީޝަމް މުހައްމަދު ޝަރީފް އައްޔަންކޮށްފިއެވެ.
ކެޔޮޅު އެމަގާމަށް އައްޔަން ކުރެއްވިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑުން މިއަދު އާންމުކުރި ލިޔުމެއްގައި ބުނެފައިވަނީ، މިފްކޯ ހިންގުމުގައި މަސްވެރިންގެ ދައުރު ފުޅާކުރުމަށް، މިފްކޯގެ ބޯޑަށް މަސްވެރިން ތަމްސީލުކުރާ ފަރާތެއް އައްޔަންކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާތީވެ، މިފްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް ގދ. ތިނަދޫ ރިހިވެލި ރީޝަމް މުހައްމަދު ޝަރީފް އައްޔަންކޮށްފައިވާކަމަށެވެ.
މަސްވެރި އާއިލާއަކަށް އުފަން، އުމުރުން 42 އަހަރުގެ ކެޔޮޅު ރީޝަމް މަސްވެރިކަމުގެ ދާއިރާއަށް ނިކުތީ އުމުރުން 23 އަހަރުގައި އާދައިގެ މަސްވެރިއެއްގެގޮތުގައެވެ. 2003 ވަނަ އަހަރުން ފެށިގެން މަސްވެރިކަމުގައި މެދުކެނޑުމެއްނެތި ހޭދަކޮށްފައިވާއިރު، ލިބުނު ތަޖުރިބާގެ އަލީގައި ކެޔޮޅުކަން ކުރަންފެށީ 2015 ވަނަ އަހަރުގައެވެ. ކެޔޮޅުކަން ކުރަމުން އަންނަތާ މިއީ 10 ވަނަ އަހަރެވެ.
ކެޔޮޅާއަށް ދެއްވި ބަސްދީގަތުމެއްގައި، ކެޔޮޅު ރީޝަމް ވިދާޅުވީ، މަސްވެރިން ތަމްސީލުކުރާ މެންބަރަކު މިފްކޯ ބޯޑަށް އައްޔަންކުރުމަކީ ކުރިހައި ގޮތަކުން ބަލާއިރުވެސް މަސްވެރި އާއިލާއަށް ކުރިއެރުން ލިބިގެންދާނެ ކަމެއްކަމަށެވެ. އަދި މަސްވެރިއަކު މިފްކޯގެ ބޯޑުގައި ހިމެނިގެން ދިއުމަކީ، މިހާރު މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށާއި، ނަތީޖާ ނެރުމުގައި ވަރަށް ބޮޑު ބާރަކަށް ވެގެންދާނެކަމެއްކަމަށެވެ. މީގެ އިތުރުން ކަންކަން ނިންމުމުގައި މަސްވެރިންގެ ބައިވެރިވުން ނުވަތަ ބަސް ހިމެނިގެން ދިއުމަކީ އެންމެ އުފާވާ އެއްކަންތައްކަން ފާހަގަ ކުރައްވައި، އަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެފަދަ ނިންމެވުމެއް ނިންމަވައި އެފަދަ ފުރުސަތެއް މަސްވެރިންނަށް ފަހިކޮށްދެއްވީތީ ކެޔޮޅާއި އަދި މަސްވެރި އާއިލާގެ ނަމުގައި ރައީސް ޑރ. މުއިއްޒަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރެއްވިއެވެ.
ކެޔޮޅު ވިދާޅުވީ، މީގެ ސަބަބުން ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރައްވާކަމަށެވެ. އަދި މި ގެނެވުނު ބަދަލާއެކު މިފްކޯގެ ތެރެއިން މަސްވެރިންނަށް ލިބިގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.