މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޑރ. މުހައްމަދު އިބްރާހިމް އައްޔަންކުރައްވައިފި އެވެ.
މިކަން ހާމަކޮށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން މިއަދު އާންމުކުރި މެސެޖެއްގައި ބުނެފައިވަނީ، ޑރ. މުހައްމަދު އިބްރާހިމް މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މާގާމަށާއި، ބޯޑު މެމްބަރުކަމުގެ މަގާމަށް އައްޔަންކުރައްވާފައިވާކަމަށެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިންގ އެންޑް ޕްރޮމޯޝަން ލިމިޓެޑަކީ މަސްވެރި އުފެއްދުންތަކަށް މާކެޓް ކުރަން އުފައްދާފައިވާ، ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
މި ކުންފުނީގެ މައިގަނޑު ބޭނުމަކީ، ރާއްޖޭގެ ކަނޑުގެ ހުރިހާ ވަސީލަތްތަކެއް ހިމެނޭހެން އިޝްތިހާރުކޮށް، އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމެވެ. އަދި، ރާއްޖޭގެ އުފެއްދުންތަކަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، އެ ތަކެތި ޕްރީމިއަމް ޕްރޮޑަކްޓެއްގެ ގޮތުގައި ގައުމީ އަދި ބައިނަލްއަގްވާމީ މާކެޓްތަކަށް ނެރުމުގެ މަސައްކަތް ކުރުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިކުންފުނި އުފެއްދެވީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެވެ.