ގދ. ރަތަފަންދޫ ބަނދަރު އަޕްގްރޭޑްކުރުމާއި ގުޅޭ ޕްރޮޖެކްޓްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާތީ، މަޝްރޫއުގެ މަސައްކަތްކުރިޔަށްދާ ސަރަހައްދުގައި ހުރި ޑިންގީތައް ނަގަން ކައުންސިލުން އަންގައިފިއެވެ.
މިކަން އަންގައި އިއްޔެ އެރަށު ކައުންސިލުން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މަޝްރޫއުގެ ކޮންޓްރެކްޓަރ އިއްޔެ ރަތަފަންދޫ އަށް މޮބިލައިޒްކޮށްފައިވާކަމަށެވެ. އަދި،، ބަނދަރު އަޕްގްރޭޑްކުރާ ސަރަހައްދުގައި އަޅާފައިވާ ޑިންގީ އަދި އުޅަނދުތައް 3 ދުވަސްތެރޭ އެސަރަހައްދުން ނެގުމަށް އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފައިވާކަމަށެވެ.
ކައުންސިލުން ބުނީ ޑިންގީތައް އެސަރަޙައްދުން ނުނަގައި އޮތުމުގެ ސަބަބުން މަސައްކަތް ކުރަމުންދާއިރު ލިބޭ ގެއްލުމަކަށް ކޮންޓްރެކްޓަރ އަދި ކައުންސިލުން ޒިންމާ ނުވާނެކަމަށެވެ. ކައުންސިލުން ނެރެފައިވާ އިއުލާނާއެކު، ޑިންގީތައް ނަގަންޖެހޭ ސަރަަހައްދު ފާހަގަކޮށްފައިވާ ޗާޓެއް އާންމުކޮށްފައި ވެއެވެ.
ރަތަފަންދޫ ބަނދަރު މަރާމާތުކޮށް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި 221 މީޓަރުގެ ބޭރު ތޮށި ލުމާއި، ކަނޑިންމާ ބައްތި ހަރުކުރުމާއި، 21 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 312.7 މީޓަރުގެ ޖެޓީއެއް ހެދުމާއި، ވެލި އެއްވަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.