މ. ނާލާފުށީ ވިންދު-1 ދޯނިން އިއްޔެ ބޭނި މަސް ކަނޑަށް އުކާލަން ޖެހުނު މައްސަލަ ތަހުގީގުކޮށް އެކަމުގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅަން ކެޔޮޅުންގެ ލޮބީން ގޮވާލައިފި އެވެ.
ކެޔޮޅުންގެ ލޮބީން ބުނެފައިވަނީ، ވިންދު-1 ދޯނި މަސްކިރަން ކިއުގައި ޖެހުނު މިފްކޯގެ މަސްކިރާ ބޯޓް ޖަޒީރާ-105ގެ ކެޕްޓަން މަސް ކިރޭނެކަމުގެ ޔަގީންކަން ދޯނީގެެ ކެޔޮޅަށް ދެއްވުމަށްފަހު ފަހު، މަސްކިރައި ނުދިނުމުން ހަމައެކަނި އުކާލި މަހުންވެސް 36،400 ރުފިޔާ ގެއްލުން އެ ދޯންޏަށްވެފައިވާކަމަށެވެ. އަދި ތެލާއި ފަޅުވެރިންގެ ކޮއްތާއި ހޭދަކުރި ވަގުތައް ބަލާއިރު 50،000 ގާތްކުރާ އަދަދަކަށް ގެއްލުން ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށާއި، މީގެ ބަދަލު އޮޑިއަށް ލިބެންޖެހޭކަމަށް ލޮބީން ގަބޫލުކުރާ ކަމަށެވެ.
ލޮބީން ވަނީ ކެޕްޓަންގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެކަން ބަލައި އެކަމުގައި އިހުމާލުވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް މިފްކޯއަށާއި، ފިޝަރީޒް މިނިސްޓްރީއަށް ގޮވާލާފަ އެވެ.
”މިއަމަލު ހަރުކަށީ އިބާރާތުން ކުށްވެރިކުރާހިނދު، މިކަން ތަހުގީގުކޮށް އިހުމާލުވާ ފަރާތްތައް ހޯދާ ފިޔަވަޅު އަޅަން ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއަށް ގޮވާލަން. އަދި ކެޕްޓަންގެ މިއަމަލުގެ ސަބަބުން އޮޑިއަށާއި ފަޅުވެރިންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށްވެސް ގޮވާލަން.“ ލޮބީން ބުނެފައި ވެއެވެ.
ކެޔޮޅުންގެ ލޮބީގެ ރައީސް ޝަފްގާ ޝަފީގް(ކެޔޮޅާގެ ދިޔެ) ވިދާޅުވީ، ކޮންމެ ފަރާތެއްގެ އިހުމާލުން ނަމަވެސް، އޮޑިއަށް ގެއްލުންވެ މަސްވެރިންގެ އެއް ދުވަހުގެ އާމްދަނީ ގެއްލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށެވެ. އަދި، މިކަން ފުރިހަމަޔަށް ބަލައި ފިޔަވަޅު އަޅަންޖެހޭކަމަށް ވިދާޅުވިއެވެ.
”އޮޑީގެ ފަޅުވެރިންނަށްވެސް ލިބުނު ގެއްލުމުގެ ބަދަލު ލިބެންވާނެ. އަހަރުމެންގެ އާއިލާގެ ކޮންމެ މެމްބަރަކަށް ލިބޭ ގެއްލުމަކީ މުޅި އާއިލާއަށް ލިބޭ ގެއްލުމެއް.“ ޝަފްގާ ވިދާޅުވެފައި ވެއެވެ.
ވިންދު-1 ދޯނިން އިއްޔެ ފަތިހު ބޭނި 2.6 ޓަނުގެ މަސް ކިރަން ކިއުގައި ޖެހުނުނަމަވެސް، ރޭގަނޑުވީއިރުވެސް މަސްތައް ނުކިރުނެވެ. އެހެންވެ ހުރިހައި މަސްތައް ކަނޑަށް އުކާލިއެވެ. މިފްކޯއިން ބުނީ، އެ ދޯނީގެ ކިއު ނަންބަރު ޖެހުނު އިރު މަސްކިރާ ބޯޓުގައި ބްރައިން ފްރީޒިންގް އެހާވަރަށް ޖާގަނެތްކަމަށެވެ. އެހެންނަމަވެސް ކެޔޮޅު ވިދާޅުފައިވަނީ، ހެނދުނު ކިއުގައި ޖެހުނުއިރު މަސްކިރޭނެކަމުގެ ޔަގީންކަން ބޯޓްގެ ކެޕްޓަން ދިންކަމަށާއި، ރޭގަނޑު 07:30 ގައި މަސް ނުކިރޭނެކަން އެންގުމުން މަހަށް ހަދާނެގޮތް ހުސްވެ، މަސްތައް އުކާލީކަމަށެވެ. އަދި، މަސްތައް އުކާލީ ހެނދުނުއްސުރެ ބޯޓްގެ ކެޕްޓަން ކައިރީ އާދޭސްކޮށް ރޮއެހަދައިގެންވެސް މަސްތައް ކިރާ ނުދިނުމުން ކަމަށްވެސް ކެޔޮޅު ވިދާޅުވިއެވެ.