އައްޑޫ ނެއިބަރހުޑް ފިޝް ޕްރޮސެސިންގ ފެސިިލިޓީ މަޝްރޫއުގެ ދަށުން ގާއިމު ކުރި ހިތަދޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ ރަސްމީކޮށްް އިފްތިތާހްކޮށްފި އެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ”ވާޗުއަލް ކޮށް“މި ބިނާ އިފްތިތާހްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާއި، އިންޑިއާގެ ބޮޑުވަޒީރު ޝްރީ ނަރެންދްރަ މޯދީއެވެ.
ހިތަދޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ އަކީ ޒަމާނީ އާލާތްތަކާއި، ހިކި އަދި ތާޒާ މަސް ޕްރޮސެސްކުރާ ޕްލާންޓަކާއި، 20 ޓަނުގެ އައިސް ޕްލާންޓަކައި، 30 ޓަނުގެ ފިނިކުރާ ގުދަނެއްގެ އިތުރުން، އެހެނިހެން މުހިންމު އެހީތެރި ވަސީލަތްތަކާއެކު ގާއިމުކޮށްފައިވާ ފެސިލިޓީއެކެވެ. މުސްތަޤުބަލުގައި މި ތަން އިތުރަށް ތަރައްޤީކޮށް، ޔޫރަޕިއަން ޔޫނިއަންގެ އެކްސްޕޯޓް މިންގަނޑުތަކާ އެއްގޮތަށް މަސް ޕްރޮސެސްކުރާ ފެސިލިޓީއެއް އިތުރުކުރުމުގެ ޕްލޭނެއްވެސް އެކުލަވާލެވިފައިވާކަމަށް ސަރުކާރުން މައުލޫމާތުދެއެވެ.
ހިތަދޫ ފިޝް ޕްރޮސެސިންގ ފެސިލިޓީ މިހާރު ވަނީ އޮަޕަރޭޝަނަށް ގެނެސްފައެވެ. އަދި އެޗްއޭސީސީޕީ މިންގަނޑުތަކާ އެއްގޮތަށް ރަށުގައި ބޭނުންކުރުމަށާއި، އެކްސްޕޯޓްކުރުމަށް ފެންވަރު ރަނގަޅު މަހުގެ އުފެއްދުންތައް އުފެއްދުމަށް އެތަން ވަނީ ތައްޔާރުވެފައެވެ. މިހާރުވެސް ބައެއް ޕްރޮޑަކްޓްތައް އުފެއްދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
މިއީ ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ރަހްމަތްތެރިކަން ރަމްޒުކޮށްދިނުމުގެގޮތުން އިންޑިއާގެ ރައްޔިތުންގެ ފަރާތުން ދިވެހި ރައްޔިތުންނަށް ހަދިޔާކޮށްފައިވާ ފުރިހަމަ ބިނާއެކެވެ. މިއީ، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް މުހިންމު ކުރިއެރުމެއް ގެނެސްދޭ ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު، މި ގާއިމުކުރެވުނު ހިތަދޫ ފިޝް ޕްރޮސެސިންގ ފެސިލިޓީއިން ރަށުގެ ސިނާއަތްތަކަށާއި، ސަރަޙައްދީ ގުޅުންތައް ވަރުގަދަކުރުމަށް އެހީތެރިވެދެއެވެ. މި ތަނަށް މަސް ގަންނަނީ ސީދާ ރަށުގެ މަސްވެރިންގެ އަތުން ކަމަށްވުމުން، މިތަނުން އުފެއްދޭ އަގު ރަށުތެރޭގައި ހިފެހެއްޓިގެންދާނެއެވެ.
”މިއީ ހަމައެކަނި މަހުގެ އުފެއްދުންތަކެއް އުފެއްދުމުގެ ވާހަކައެއް ނޫން. މިއީ ވަޒީފާގެ ފުރުޞަތުތައް އުފެއްދުމާއި، ޢާއިލާތަކަށް އެހީތެރިވުމާއި، އަދި މުޖުތަމަޢުގެ ކެރިފޯރުންތެރިކަން އިތުރުކުރުމުގެ ވާހަކަވެސްމެ. އަައްޑޫ ހިތަދޫ މަސް ޕްރޮސެސްކުރާ ފެސިލިޓީއަކީ ޙަޤީޤީ ބައިވެރިވުމާއި ކުރިއެރުމުގެ މިސާލެއް. މިއީ ރައްޔިތުންނާއެކު، ރައްޔިތުންނަށްޓަކައި ބިނާކުރެވިފައިވާ ތަނެއް.“ ސަރުކާރުން ބުނެފައި ވެއެވެ.
އައްޑޫ ނެއިބަރހުޑް ފިޝް ޕްރޮސެސިންގ ފެސިިލިޓީ މަޝްރޫއަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީގެ ތިން އަވަށެއްގައި މަސް ފެކްޓްރީ ގާއިމުކުރުމަށް ކުރިޔަށް ގެންދާ މަޝްރޫއެކެވެ. 23 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ހިތަދޫ ފެސިލިޓީ ނިންމާ ހިންގަން ފަށާފައިވާއިރު، ހުޅުދޫގައި ގާއިމުކުރާ ފެސިލިޓީގެ މަސައްކަތް ވަނީ ނިމުމަކާ ގާތްވެފައެވެ. އަދި، މަރަދޫގައި ގާއިމުކުރާ ފެސިލިޓީގެ މަސައްކަތް ރީޓެންޑަކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުންނެވެ.