ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް(އެފްއެފްސީ)ގެ މެއިންޓެނަންސް މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށްޓަކައި އެތަނުގެ ޕްރޮޑަކްޝަން މަސައްކަތްތައް މެދުކަނޑާލަން ނިންމާފައިވާކަމަށް އެތަން ހިންގަމުން އަންނަ، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ(މިފްކޯ) އިން ބުނެފި އެވެ.
މިފްކޯއިން ބުނީ، މާދަމައިން ފެށިގެން އެއް ހަފުތާގެ މުދައްތައް ފެލިވަރުގެ ޕްރޮޑަކްޝަން މަސައްކަތްތައް މެދުކަނޑާލެވޭނެކަމަށެވެ. ޕްރޮޑަކްޝަން މެދުކަނޑާލަނީ، އެފްއެފްސީގެ އެކްސްޕޯރޓް ސްޓިފިކެޓްތަކާއި، ގަންނަ ފަރާތްތަކަށް ބޭނުންވާ އެޝުއަރަންސް ދެމެހެއްޓުމަށްޓަކައި، މުއައްޒަފުންނަށް ފޯރޫކޮށްދޭން ޖެހޭ ޓްރޭނިންގ ފޯރުކޮށްދިނުމަށާއި، މެއިންޓެނަންސް މަސައްކަތްތަކެއް ކުރިޔަށް ގެންދިއުމަށްކަމަށް މިފްކޯއިން ބުނެފައި ވެއެވެ. ފެލިވަރުގެ ޕްރޮޑަކްޝަން މަސައްކަތްތައް މި މުއްދަތުގައި މެދުކަނޑާލިނަމަވެސް، ފެލިވަރަށާއި ތަނުގެ ބޯޓުތަކަށް މަސްގަތުމުގެ އިތުރުން އައިސް ދޫކުރާނެކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ސައްހަ މަސްދަރަކުން ’ކެޔޮޅާ‘ އަށް މައުލޫމާތު ލިބިފައިވާގޮތުގައި އެފްއެފްސީ ބަންދުވިނަމަވެސް، އެ މުއްދަތުގައި ބާޒާރަށް ބޭނުންވާ މިންވަރަށް މަސް ދަޅު ސްޓޮކްގައި އެބަހުއްޓެވެ. އަދި މި މުއްދަތުގައި، އެފްއެފްސީގެ މުވައްޒަފުން، ރައްކާތެރިކަމުގެ މިންގަނޑަށް އަހުލުވެރިކުރުވުމުގެގޮތުން ’ފަޔަރ ސޭފްޓީ‘ އަދި ’ހެލްތު ސޭފްޓީ‘ ފަދަ ތަމްރީނުތަކެއް ހިންގުމަށް ރާވާފައި ވެއެވެ.












