މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ސަރުކާރުން ބާއްވާ ހަފްލާގައި ދިނުމަށް ހަމަޖެހިފައިވާ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާދަމައަށް ހަމަވާނެއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބާގައި ބާއްވާ ހަފްލާގައި ތިން އެވޯޑެއް ދިނުމަށް ހަމަޖެހިފައިވެއެވެ. އެއީ، ތަޖުރިބާކާރު ކެޔޮޅާއި، ޚިދުމަތްތެރި ޒުވާން ކެޔޮޅާއ،ި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެވެ. އެވޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް، އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ އޮކްޓޯބަރުމަހުގެ އެއްވަނަދުވަހުއެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު ހުށަހެޅުމަށް ދީފައިވާ ސުންގަޑިއަކީ 23 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް މިނިސްޓްރީގެ އީމެއިލް އެޑްރެސް fisheriesmanagement@fisheries.gov.mv އަށް ފޮނުވާލެވޭނެއެވެ.
މި އެވޯޑްތަކަށް ކުރތިމަތިލުމަށް ބޭނުންވާ ޝަރުޠު ހަމަވާ ކެޔޮޅުންނާއި މަސްވެރިންނަށް މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުން ނަން ހުށަހެޅިދާނެއެވެ. ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު އެބައޮތެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި އެވޯޑުތަކަށް ކުރިމަތިލެވޭނީ މާޅޮސްމަޑުލު އުތުރުބުރިއަށް ނިސްބަތްބާ ފަރާތްތަކަށް ކަމަށެވެ.
އެވޯޑްތަކުގެ ތަފްސީލް:
ޚިދުމަތްތެރި ޒުވާން ކެޔޮޅު: މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު. މި އެވޯޑަށް ކުރިމަތިލެވޭނީ 35 އަހަރުން ދަށުގެ ކެޔޮޅުންނަށް.
ޚިދުމަތްތެރި ފަރުމަސްވެރިޔާ: އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާ
ކޮންމެ އަހަރަކުވެސް ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. ގައުމީ ފެންވަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް، މަސްވެރިންގެ މަސައްކަތްތަކަށް ތަރުޙީބުދިނުމުގެ މަގްސަދުގައެވެ. މިއަހަރު ފާހަގަކުރަނީ 45ވަނަ މަސްވެރިންގެ ދުވަހެވެ. މަސްވެރިންގެ ދުވަހުގެ ރަސްމީ އިހްތިފާލުތައް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ރ. ދުވާފަރުގައެވެ.