މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށް ލ. ގަމުން ދޫކުރުމަށް ނިންމާފައިވާ ބިންތަކައް ބީލަން ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފިއެވެ.
ލ. ގަމުން މަސްކައްކާ ހިއްކުމަށާއި، ހުއިފިލަނޑާ ކައްކާ ހިއްކުމަށާއި މިފަދަ އެހެނިހެން މަސައްކަތްތަކަށް ”B1 ،B2, ނަންބަރު“ ބިންތަށް ކުއްޔަށް ނަގާނެ ފަރާތެއް ހޯދަން މިދިޔަ ޖުލައި މަހުވެސް ބީލަމަށް ހުޅުވާލިއެވެ. ބީލަން ހުށަހެޅުމަށް އިއްޔެ އަލުން ހުޅުވާލީ ބިންތައް ކުއްޔަށް ދޫކުރުމަށް ކުރިން ހުޅުވާލި ފުރުސަތުގައި ބީލަން ހުށަހެޅި ފަރާތްތަކުން މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށް އަގު ހުށަހަޅާފައި ނުވާތީކަމަށް ގަމު ކައުންސިލް އިދާރާއިން ބުނެފައިވެއެވެ.
ކައުންސިލުން ބުނީ، ބިން ކުއްޔަށް ހިފަން ޝައުޤުވެރިވާ، ފަރާތްތަކުން 21 އޯގަސްޓް 2025 ގެ 12:00ގެ ކުރިން ކައުންސިލް އިދާރާއިން ބިޑް ޑޮކިއުމަންޓް ގަތުމަށްފަހު ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭކަމަށެވެ. ބީލަމުގައި ރަޖިސްޓުރީވުމަށް އެދޭ ފޯމް ކައުންސިލް އިދާރާއަށް ހާޒިރުވެ ނުވަތަ Procurement@gan.gov.mv އަށް މެއިލް ކުރެވިދާނެކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ބިޑް ޑޮކިއުމެންޓްގެ އަގަކީ 100 ރުފިޔާ އެވެ.












