މާފަރު އީދުފޯރި މަސްރޭހުގެ އެއްވަނަ ”ޓީމް ކެޔޮޅު“ ހޯދައިފިއެވެ.
މި މަސްރޭހަކީ، އަޞްހާ އީދު ފާހަގަކުރުމަށް މާފަރު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ ”މާފަރު އީދު ފޯރި 1447″ގެ ހަރަކާތްތަކުގެތެރޭގައި ހިމަނައިގެން ކުރިޔަށްގެންދިޔަ ރޭހެކެވެ. މިރޭހުގައި ޖުމްލަ 14ޓީމަކުން ވާދަކުރިއެވެ.
އިއްޔެހަވީރު 03:00އިން ރޭގަނޑު 08:00އަށް ކުރިޔަށްގެންދިޔަ މިމަސްރޭހުން އެއްވަނަ ހޯދީ ”ޓީމް ކެޔޮޅު“ އެވެ. ޖުމްލަ 37.48ކިލޯގެ މަސް ބާނައިގެން އެޓީމް އެއްވަނަ ހޯދާފައިވާއިރު، އެޓީމަށް ފައިސާގެ އިނާމެއްގެގޮތުގައި 5،000ރުފިޔާ ދީފައިވެއެވެ.
ރޭހުން ދެވަނަ ހޯދީ ”ޓީމް އެމްވައިއޭ“ އެވެ. އެޓީމުން 29.95ކިލޯގެ މަސްބާނާފައިވެއެވެ. އެޓީމަށް އިނާމުގެ ގޮތުގައި 2،500ރުފިޔާ ދީފައިވެއެވެ.
27.24ކިލޯގެ މަސްބާނައިގެން ރޭހުގެ ތިންވަނަ ހޯދީ ”ޓީމްއައްޓަމަސް“ އެވެ. އެޓީމަށް އިނާމުގެ ގޮތުގައި 1،000ރުފިޔާ ދީފައިވެއެވެ.
މަސް ރޭހުން އެންމެ ފާހަގަކުރެވެނީ، ”މާ ކެޔޮޅު“ ގެ މަގާމެވެ. އެންމެ ގިނަ މަސް ބާނައިގެން މި މަގާމު ހޯދީ މުހައްމަދު ހަސަން (މާކު)އެވެ. 12.43ކިލޯގެ މަސް ބާނާއިގެން މާކެޔޮޅުގެ މަގާމު ހޯދި މާކުއަށް 1،500ރުފިޔާ އިނާމެއްގެގޮތުގައި ދީފައިވެއެވެ.
މާފަރު ކައުންސިލްގެ ރައީސް މުހައްމަދު އަބްދުލް ޣަނީ ވިދާޅުވީ، އާކައުންސިލަށް އީދުގެ ހަރަކާތްތައް ރާވަން މަދުދުވަސްކޮޅެއް ލިބުނުނަމަވެސް، ވަރަށްފުރިހަމަޔަށް އީދުގެހަރަކާތްތައް ރޭވިގެން ކުރިޔަށްދާކަމަށެވެ.އަދި އީދުގެ ހަރަކާތްތައް އިންތިޒާމުކުރުމުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރްހީބެއް ލިބިގެންދިޔަކަން ރައީސް ފާހަގަކުރެއްވިިއެވެ.
ރައީސް މުހައްމަދު އަބްދުލް ޣަނީ ވިދާޅުވީ މީގެ ކުރީ އަހަރުތަކުގައި، މަސްރޭސް ބާއްވަމުން އައިސްފައިވަނީ އީދު ޗުއްޓީގައި ނަމަވެސް، މިފަހަރު ހަރަކާތްތަކުގެ ޝެޑިއުލް ތާށިކަމުން މަސްރޭސް ބާއްވާފައި މިވަނީ އީދުގެކުރިންކަމަށެވެ. އަދި މަސްރޭސް އިންތިޒާމުކުރަން މަދުވަސްތަކެއް ލިބުނުނަމަވެސް، އެހެންއަހަރުތަކާ އަޅާބަލާއިރު މިއަހަރު މަސްރޭހަށް ލިބުނު ތަރުހީބް މާބޮޑުކަން ރައީސް ފާހަގަކުރެއްވިއެވެ، ރޭހުގައި ބައިވެރިވި ޓީމުގެ އަދަދަށް ބަލާލިނަމަވެސް މިކަން ފާހަގަވެގެންދެއެވެ.
ރައީސް މުހައްމަދު އަބްދުލް ޣަނީ ވިދާޅުވީ، އަންނައަހަރުވެސް އީދުގެ ހަރަކާތްތަކުގެ ތެރޭގައި ހިމަނައިގެން މަސް ރޭހެއް ބާއްވާނެކަމަށެވެ. އަދި، މަސްރޭސް މިއަށްވުރެ ކުލަގަދަގޮތެއްގައި ކުރިޔަށްގެންދިއުމަށް ދުރާލާ މަސައްކަތް ފަށްޓަވާނެކަމަށެވެ.