ދިވެހި ސަރުކާރުގެ ފަރާތުން އަވަށްޓެރި ސްރީލަންކާއަށް ހަދިޔާކުރި މަސްދަޅުތައް ހިފައިގެން އެސްޓީއޯގެ ކާގޯ ބޯޓް، އެމްއެމްއެސް ގެލީނާ ސްރީލަންކާއަށް ފުރައިފިއެވެ.
“ޑިޓްވާ” ތޫފާންގެ ސަބަބުން ސްރީލަންކާ ގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި އެ ޤައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެ ޤައުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ހަދިޔާކުރި 25،000 މަސްދަޅު ކޭސް ހިފައިގެން އެބޯޓް ލަންކާއަށް ފުރީ ރޭގެ ވަގުތެއްގައެވެ. 14ކޮންޓެއިނަރާއެކު ފުރި މިބޯޓް ދަތުރުކުރަމުންދަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ބަނދަރަށްކަމަށް މައުލޫމާތުލިބެއެވެ.
މިމަސްދަޅުތަކުގެ އިތުރުން، ސްރީލަންކާއަށް އެހީގެގޮތުގައި، ދިނުމަށް ދިވެހި ސަރުކާރުން ކަނޑައެޅި 50،000އެެމެރިކާ ޑޮލަރުވެސް އިއްޔެ ވަނީ ސްރީލަންކާ ސަރުކާރާއި ހަވާލުކުރައްވާފައެވެ. ރާއްޖެއިން ހަދިޔާކުރި ފައިސާގެ އެހީ ލަންކާ ސަރުކާރާއި ހަވާލުކޮށްދެއްވީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަސްޢޫދު އިމާދުއެވެ. ލަންކާ ސަރުކާރުގެ ފަރާތުން މިއެހީއާ ހަވާލުވެވަޑައިގަތީ އެޤައުމުގެ ޚާރިޖީ ވަޒީރު ވިޖިތާ ހެރަތުއެވެ.
މި އެހީތެރިކަން ރަމްޒުކޮށްދެނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަމެވެ. އަދި ރާއްޖެއިން އުއްމީދުކުރަނީ މި އެހީގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސްރީލަންކާ ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބި، ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތައް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށެވެ. އަދި މިފަދަ ކަންކަމުން ދައްކުވައިދެނީ ދެ ޤައުމުގެ ދެމެދުގައި އާއި ރައްޔިތުންގެ މެދުގައި ހިއްސާކުރާ ގާތް އެކުވެރި ގުޅުމެވެ.