މާލޭ އުތުރުފަރާތުގެ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮށިތައް މަރާމާތުކުރުމުގެ މަސައްކަތްކުރުމަށް އެތަން ބޭނުންކުރުން ވަގުތީގޮތުން ބަންދުކުރުމާއި ގުޅިގެން އެތަން ބޭނުންކުރަމުން އައި އުޅަނދުފަހަރަށް ޚާއްސަ އިންތިޒާމުތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް)އިން ހަމަޖައްސައި ދީފިއެވެ.
އެމްޕީއެލްއިން ބުނީ ލޯކަލް މާރުކޭޓުގެ އިރުމަތީ ތޮއްޓާއި އެއްގަމުތޮށި މަރާމާތުގެ މަސައްކަތް ކުރަމުން ދާތީ އެސަރަހައްދުން ހިދުމަތް ހޯދަމުންދިޔަ ދުވަހު ފެރީތަކަށް ހުއްޓުމެއްނެތި ޙިދުމަތް ދިނުމަށްޓަކައި އެމްޕީއެލް އިން އެ އުޅަނދުތަކުން ޚިދުމަތް ދިނުމަށް 2 ސަރަހައްދެއް ހަމަޖައްސައިދީފައި ވާކަމަށެވެ.
މިގޮތުން، މަރާމާތުގެ މަސައްކަތް ނިމެންދެން ނުވަތަ 3 މަސްދުވަހުގެ މުއްދަތަކައް، އެމްޕީއެލްގެ ނޯތު ހާބަރުންނާއި ސައުތުވެސްޓް ހާބަރު (ޓީ ޖެޓީ)އން މި ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަަހަރަށް، އެ ޚިދުމަތް ލިބޭނެކަމުގެ ޔަގީންކަން އެމްޕީއެލްއިން ދީފައިވެއެވެ.. މި ދެ ހާބަރުން ހިދުމަތް ހޯދަން ބޭނުންވާ އުޅަނދުފަަހަރަށް، ޚިދުމަތްދޭނީ މި ދެ ހާބަރު ހިންގުމުގެ އުސޫލުގައިވާގޮތުގެމަތީންކަމަށް އެމްޕީއެލްއިން ބުނެފައި ވެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން މާލޭ ނޯތު ހާބަރުގެ އޮޕަރޭޝަންސް ނަންބަރު 3006545 އަދި ޓީ ޖެޓީ އޮޕަރޭޝަންސް ނަންބަރު 3039644 އަށް ގުޅާލުމަށް އެމްޕީއެލްއިން އެދިފައި ވެއެވެ.
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ލޯކަލް މާރުކޭޓާއި އިންވެގެންވާ ފަޅުތެރެއިން ކަމަށްވުމާއެކު، މަސައްކަތް ހިނގާ މުއްދަތުގައި އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުން ނުކުރުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ވަނީ، އާންމުކޮށް އަންގާ އިޢުލާންކޮށްފައެވެ. އެ މިނިސްޓްރީން ބުނީ، މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްދާ މުއްދަތުގައި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އެ ސަރަހައްދައް ނުވަދެވޭނެކަމަށެވެ.