ޗާގޯސް އާކިޕެލެގޯ ނުވަތަ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމުގެ މަރުހަލާ މަޑުޖައްސާލުމަށް އިނގިރޭސިވިލާތުގެ ސަރުކާރުން ނިންމި ނިންމުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
އިނގިރޭސި ސަރުކާރުގެ ނިންމުމަށް މަރުހަބާ ކިޔައި، ދިވެހި ޚާރިޖިއްޔާއިން އާންމުކުރި ނޫސް ބަޔާނުގައި، ފޯޅަވަހީގެ މުސްތަގުބަލާއި، އެ ތަން ހިންގާނެ ގޮތަކާ މެދު ދިވެހިރާއްޖޭގެ ގާނޫނީ އަދި އުސޫލީ މަސްލަހަތުތަކެއް ހުރިކަން ފާހަގަކޮށް، މި ނިންމުމަކީ ދިވެހިރާއްޖެއާއެކު އަލުން މަޝްވަރާތައް ފެށުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމުގައި ރާއްޖެއިން ދެކޭކަމަށް ބަޔާންކޮށްފައިވެއެވެ.
ދިވެހި ޚާރިޖިއްޔާގެ ބަޔާނުގައި، ދިވެހިރާއްޖޭގެ ހައްގުތަކަށް އިހުތިރާމްކުރާ، ސަރަހައްދީ ހަމަޖެހުމަށް ބާރުއަޅާ، އަދި ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތްވާ ފަދަ އިންސާފުވެރި ހައްލެއް ހޯދުމަށް އިނގިރޭސި ސަރުކާރަށް ރާއްޖެއިން ކުރާ އިލްތިމާސް ތަކުރާރުކޮށްފައި ވެއެވެ. އަދި މިފަދަ ނިންމުމަކީ އިންޑިއާ ކަނޑުގެ ދިގު މުއްދަތުގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި މަސްލަހަތުތައް ކަށަވަރުކޮށްދޭނެ ނިންމުމަކަށް ވާންޖެހޭނެކަން ދިވެހިރާއްޖެއިން ގަބޫލުކުރާކަމަށް ބުނެފައި ވެއެވެ.
ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް، އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026ގައި ލިޔުމުން ހުށަހަޅާފައިވެއެވެ. އަދި، ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނެދޭވޭ އަސަރުތަކުގެ ސަބަބުން އެކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ދިވެހިސަރުކާރުން ހިއްސާކޮށްފައިވެއެވެ.