ދ. މާއެނބޫދޫގައި މަސްވެރިކަންކުރަމުން އައި ”ނަތީޖާ-3“ ދޯނި ވިއްކާލަން ނިންމައިފި އެވެ.
ދޯނީގެ އެއް ހިއްސާދާރުކަމަށްވާ އަލީ ނަސީރު ބުނީ، ދޯންޏަކީ އޭނާގެ އާއިލާއިން ބަނދެ އޭނާގެ ނަމުގައި މީގެ ކުރިން އޮޕަރޭޓްކުރަމުން އައި ދޯންޏެއްނަމަވެސް، އެއީ އާއިލީ މުދަލަކަށްވާތީ، މައިންބަފައިން ދުނިޔޭގަ ނެތުމާއެކު، މިހާރު އާއިލާގެ އެހެން ހުރިހައި މެންބަރުންގެ ނަން މައްޗަށް ދޯނީގެ ރަޖިސްޓްރީ ބަަދަލުކޮށްފައިވާކަމަށެވެ. އަދި، ދޯނި ވިއްކާލަނީ މިވަގުތު އޭނާގެ ސިއްހީ ހާލަތުހުރިގޮތުން ދޯނި އެކަށިގެންވާގޮތެއްގައި ނުހިންގޭތީ އެކަށީގެންވާ އާމްދަނީއެއްވެސް ނުލިބި ދިގުލައިގެންދާތީ، މިވަގުތައް އޮތް އެންމެ ރަނގަޅު ގޮތަކީ ވިއްކާލުން ކަމަށް އާއިލާ މެންބަރުން ދެކޭތީކަމަށް ނަސީރު ބުންޏެވެ.
”ކުރިން ރިސޯޓުގެ ވަޒީފާގަ އުޅެފަ ކެންޑިގެން އައިސް ރަށުގަ ހުރެގެން ދޯނި އޮޕަރޭޓްކުރަމުން އައީ. މީގެ 10 ވަރަކަށް އަހަރު ކުރިން ދޯނި ބަނީ، އޮޕަރޭޓްކުރާތާ 8 އަހަރު މިވީ. މަގޭ ނަމުގަ ކުރިން ދޯނި އޮތް ނަމަވެސް، މިއީ ތަރިކަ މުދަލެއްގެ ގޮތުގައި ބަލައި އާއިލާ ހުރިހައި މެންބަރުންގެ ނަން މައްޗަށް މިހާރު މިއޮތީ ބަދަލުކޮށްފަ. ސިއްހީ ހާލަތު މިވަގުތު ހުރިގޮތުން ދޯނި އަމިއްލައަށް އޮޕަރޭޓްކުރަން މިހާރު ވަރަށް ދަތި. ތިން މަސްވެއްޖެ މިހާރު ދޯނި މަހަށް ނުދާތާވެސް. އެހެންވީމަ މިވަގުތު އެންމެ ރަނގަޅު ގޮތަކީ ދޯނި ވިއްކާލާފަ އެންމެންގެ މެދުގައި ފައިސާ ބަހާލުންކަމަށް އެންމެންވެސް އެއްބަސްވަނީ. އެހެންވެ މިވިއްކާލަނީ.“ އަލީ ނަސީރު ބުންޏެވެ.












