މި ސަރުކާރުން ށ. ފުނަދޫގައި ގާއިމުކުރި އައިސް ޕްލާންޓްގެ ޚިދުމަތް ފަށައިފި އެވެ.
އައިސް ޕްލާންޓްގެ ޚިދުމަތް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ. 50 ޓަނުގެ އައިސް ސްޓޯރޭޖް ހިމެނޭގޮތައް ގާއިމުކޮށްފައިވާ 30 ޓަނުގެ މި އައިސް ޕްލާންޓުގެ ޚިދުމަތް އެމަނިކުފާނު ފައްޓަވައިދެއްވާފައިވަނީ، މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ފުނަދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
ފުނަދޫ އައިސް ޕްލާންޓަކީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްވެރިކަން ތަރައްގީކުރުމަށް މި ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ގާއިމުކުރި ފުރަތަމަ އައިސް ޕްލާންޓެވެ.
ރައީސުލްޖުމްހޫރިއްޔ މިލަދުންމަޑުލު އުތުރުބުރީގެ ރަށްރަށަށް ކުރައްވަމުމް ގެންދަވާ މިދަތުރުފުޅުގެތެރެއިން އިއްޔެ ވަނީ ށ. ކޮމަންޑޫގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީ ޤާއިމްކުރުމުގެ މަސައްކަތް އެތިއޮން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައެވެ. އެރަށުގައި ގާއިމުކުރަނީ 30 ޓަނުގެ އައިސްޕްލާންޓަކާއި 50 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެކެވެ.
ސަރުކާރުން އަމާޒު ހިފާފަވަނީ ރާއްޖޭގެ އެކި ރަށްރަށުގައި ގާއިމު ކުރާ އައިސްޕްލާންޓުތައް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަށެވެ.