މެރިން ސްޓެވާރޑްޝިޕް ކައުންސިލް(އެމް.އެސް.ސީ) އިން ދޭ ސެޓިފިކޭޝަން، ރާއްޖޭގެ ދޮށީގެ ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން، ދޮށީގެ އަދި އަތުނަނުގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށްވެސް ފުޅާކޮށްދީފިއެވެ.
ރާއްޖޭގެ ދޮށީގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް 2014 ވަނަ އަހަރު މި ސެޓިފިކޭޝަން ލިބުނު ނަމަވެސް، 2016 ވަނަ އަހަރު އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ އާބާދީ ދަށްވެފައިވާ ކަމަށް ކަނޑައެޅުމާ ގުޅިގެން، 2017 ވަނަ އަހަރު އެ ސެޓިފިކޭޝަން މެދުކަނޑާލައި އޭގެ ފަހުން ވަނީ ބާތިލުކޮށްފައެވެ. ރާއްޖެއަށް މި ސެޓިފިކޭޝަން ގެއްލުނީ އިންޑިއާ ކަނޑުގެ ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިން މުޅި އިންޑިއާ ކަނޑުގެ ފެންވަރުގައި ބަލަހައްޓަމުންދާ މި މަހުގެ އާބާދީގައި ދިވެހިރާއްޖޭގެ މަސްވެރިކަންވެސް ހިމެނެނީ މި ސަރަހައްދީ އާބާދީގެ ބައެއްގެ ގޮތުގައިކަމަށްވާތީއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާގެ މައިގަނޑު ހިއްސާދާރުން ތަމްސީލުކުރާ އަދި ރާއްޖޭގެ މަސްވެރިކަމަށް އެމް.އެސް.ސީ ސެޓްފިކެޓް ހޯދުމުގައި އިސްކޮށް މަސައްކަތްކުރާ ޖަމިއްޔާކަމަށްވާ، މޯލްޑިވްސް ސީފުޑް ޕްރޮސެސަރސް އެންޑް އެކްސްޕޯޓަރސް އެސޯސިއޭޝަން (އެމް.އެސް.ޕީ.އީ.އޭ)އިން ބުނީ، ’FisheryProgress.org‘ ގައި ހިމެނިފައިވާ ’ފިޝަރީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް‘ (އެފް.އައި.ޕީ) މެދުވެރިކޮށް، ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް 2021 ވަނަ އަހަރުން ފެށިގެން، އެ ޖަމްއިއްޔާއިން މުހިންމު މަސައްކަތްތަކެއް ކުރަމުން އައިކަމަށެވެ. އަދި، މި މަޝްރޫޢުގެ ދަށުން ކޮންމެ ހަ މަހަކުން އެއްފަހަރު ކުރިއަށްގެންދާ ހުރިހާ ވަޒަންކުރުންތަކަކުން ވެސް މިހާތަނަށް ”އޭ“ ރޭޓިންގ ނުވަތަ އެންމެ މަތީ ދަރަޖައިގެ ކުރިއެރުން ހޯދިފައިވާކަމަށެވެ.
މުހިންމު ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް:
މަހުގެ އާބާދީ ދެމެހެއްޓުމާއި އާލާކުރުން (އެމް.އެސް.ސީ ގެ ފުރަތަމަ އަސާސް)، އަދި މަސްވެރިކަމުގެ ސަބަބުން ތިމާވެއްޓަށް ކުރާ އަސަރުތައް ކުޑަކުރުން (އެމް.އެސް.ސީގެ ދެވަނަ އަސާސް).
އިންސާނީ ޙައްޤުތަކާއި އިޖުތިމާޢީ ޒިންމާގެ މިންގަނޑުތައް ހިފެހެއްޓުން.
އެމް.އެސް.ޕީ.އޭއިން ބުނިގޮތުގައި، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) އިން އެންމެ ފަހުން ހެދި ސައިންޓިފިކް ދިރާސާތަކުން ކަށަވަރުވެފައިވާ ގޮތުގައި، އިންޑިއާ ކަނޑުގެ ބޮޑުކަންނެލީގެ އާބާދީއަށް ބުރަވާ ވަރަށް މަސްވެރިކަން ކުރަމުންނެއް ނުދެއެވެ. 2024 ވަނަ އަހަރުގެ ކުރީކޮޅު ފާހަގަކުރެވުނު މި ނަތީޖާ އަލުން ކަށަވަރުވުމަކީ، އެމް.އެސް.ސީ ސެޓިފިކޭޝަން އަލުން ހޯދުމަށް މަގުފަހިވެގެންދިޔަ މުހިންމު ސަބަބެއްކަމަށް އެމް.އެސް.ޕީއޭ.އީއިން ބުންޏެވެ.
އެމް.އެސް.ޕީއޭ.އީއިން ބުނީ، މި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، އެ ޖަމްޢިއްޔާގެ އެމް.އެސް.ސީ ސެޓިފިކޭޝަންގެ ދާއިރާ ފުޅާކޮށް، ދޮށީގެ ބޮޑުކަންނެލި މަސްވެރިކަމާއި، އަތުނަނުގެ ބޮޑުކަންނެލި މަސްވެރިކަން މިހާރުަ ސެޓިފިކޭޝަންތެރޭގައި ހިމަނާފައިވާކަމަށެވެ. ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް މި ސެޓިފިކެޓް ހޯދުމަށް ކުރެވުނު މަސައްކަތްތަކަކީ ގޮންޖެހުންތަކެއް ކުރިމަތިވި ކަމެއްކަމަށާއި، މި ކާމިޔާބީއަކީ މަސްވެރިކަމުގެ ސިނާއީ ދާއިރާއާއި، ސަރުކާރާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ބައިވެރިން ގުޅިގެން ގިނަ އަހަރުތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް އެމް.އެސް.ޕީއޭ.އީއިން ބުނެފައިވެއެވެ.
އެމް.އެސް.ޕީއޭ.އީއިން ވަނީ މި ކާމިޔާބީއާ ގުޅިގެން، މިކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް، ޚާއްޞަކޮށް ދިވެހި ސަރުކާރަށާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަށް، އެފަރާތްތަކުން ދެއްވާ އިރުޝާދާއި ސާބިތުކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ. އަދި، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގައި، ޚާއްޞަކޮށް ކަނޑުމަހުގެ އާބާދީ އިތުރުކުރުމަށްޓަކައި ކުރެވޭ މަޝްވަރާތަކާއި އެޅޭ ފިޔަވަޅުތަކުގައި އެފަރާތްތަކުން އަދާކުރާ މުހިންމު ދައުރަކީ މި ލަނޑުދަނޑި ހާސިލުކުރުމަށް މަގުފަހިވެގެންދިޔަ މައިގަނޑު ސަބަބުކަމަށްވެސް އެމް.އެސް.ޕީއޭ.އީއިން ބުނެފައިވެއެވެ.
”މި ސެޓްފިކެޓްގެ ސަބަބުން، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުމަހުގެ މަސްވެރިކަން ކުރާ ޤައުމުތަކުގެ ތެރެއިން ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަށް އޮތް މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ. މިއީ ހަމައެކަނި އަޅުގަނޑުމެންގެ ސަގާފީ މަސްވެރިކަމުގެ އުކުޅުތަކުގެ ވަރުގަދަކަން ހާމަކޮށްދޭ ކަމެއް ނޫން، މިއީ ސައިންޓިފިކް އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ މެނޭޖްމަންޓަކާއި ޒިންމާދާރު މަސްވެރިކަމުގެ އުސޫލުތަކަށް އަޅުގަނޑުމެން އެންމެން ދޭ އަހައްމިއްޔަތު ރަމްޒުކޮށްދޭ ކަމެއް،“ އެމް.އެސް.ޕީ.އީ.އޭ ގެ ރައީސް އުމަރު ޖަމާލް ވިދާޅުވިއެވެ.
މި ސެޓްފިކެޓޭޝަނާއެކު، ރާއްޖެއަކީ ޒިންމާދާރުކަމާއެކު މަސްވެރިކަން ކުރާ ޤައުމެއްގެ ގޮތުގައި އޮތް ނަން އިތުރަށް ހަރުދަނާވެ، ކަނޑުގެ ދިރުންތަކުގެ ދެމެހެއްޓެނިވިކަމަށާއި އަތޮޅުތަކުގެ އިޤްތިޞާދަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަން އެމް.އެސް.ޕީއޭ.އީއިން ފާހަަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ދޮށީގެ ކަނޑުމަހުގެ މަސްވެރިކަމަކީ 2012 ވަނަ އަހަރުން ފެށިގެން އެމް.އެސް.ސީ ސެޓިފައިޑް މަސްވެރިކަމެކެވެ. އަދި މިހާރު މި މަސްވެރިކަން އޮތީ ސެޓިފިކޭޝަންގެ ފަސް އަހަރުގެ ތިންވަނަ ދައުރުގައެވެ. މިއީ މުޅި ދުނިޔޭގައިވެސް އެންމެ ދިގު މުއްދަތަކަށް މި ސެޓިފިކޭޝަން ދަމަހައްޓަމުން އަންނަ އެއް މަސްވެރިކަމެވެ. މިއީ ދެމެހެއްޓެނިވި، ތިމާވެއްޓާ ރައްޓެހި މަސްވެރިކަމުގެ އުސޫލުތައް ހިފެހެއްޓުމަށް ރާއްޖެއިން ކުރާ ދިގު މުއްދަތުގެ މަސައްކަތުގެ ހެއްކެކެވެ.
މެރިން ސްޓެވާރޑްޝިޕް ކައުންސިލް(އެމް.އެސް.ސީ) އިން ދޭ ސެޓިފިކޭޝަން، ރާއްޖޭގެ ދޮށީގެ ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރުން، ދޮށީގެ އަދި އަތުނަނުގެ ރީނދޫ އުރަހަ ކަންނެލީގެ މަސްވެރިކަމަށް ފުޅާކޮށްދިނުމާއެކު، ރާއްޖޭގެ މުޅި ކަނޑުމަހުގެ މަސްވެރިކަން މިހާރު މިވަނީ، އެމް.އެސް.ސީ ސެޓިފައިޑް މަސްވެރިކަމަކަށްވެފައެވެ.