ކުރިޔަށްއޮތް ތިން މަސްދުވަހުގެތެރޭގައި ރާއްޖޭގެ ހުރިހައިއަތޮޅެއްގައި އެސްޓީއޯ ފިއުލް ސްކިޑްތައް ހުޅުވިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތައް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރޯމަސް ރައްކާކުރާނެ ކޯލްޑް ސްޓޯރޭޖް ނެތުމުގެ މައްސަލަކަމަށެވެ. އަދި މިކަމަށް ހައްލެއް ހޯދުމަށް ކުރިޔަށްގެންދާ މަޝްރޫއުތައް ކުރިޔަށް އޮތް 15 މަސް ތެރޭގައި ނިންމާ ހަވާލު ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ، މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އަނެއް ދައްޗަކީ، ރާއްޖޭގެ ހުރިހައި ސަރަހައްދަކުން ހެޔޮ އަގުގައި ތެޔޮ ލިބުމުގައި ހުރި ދަތިކަންކަމަށެވެ. އަދި، މިކަން ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެގޮތުން އެސްޓީއޯގެ ފުރަތަމަ ފިއުލް ސްކިޑް ރ. ދުވާފަރުގައި 13 ޑިސެންބަރު 2025ގައި ހުޅުވައި ޚިދުމަތްދޭން ފެށިކަން ބަޔާންކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި މަސައްކަތުގެ ތެރެއިން ރާއްޖޭގެ ހުރިހައި އަތޮޅެއްގަ ކުރިޔަށް އޮތް ތިން މަސްތެރޭގައި އެސްޓީއޯގެ ފިއުލް ސްކިޑްތައް ހުޅުވިގެންދާނެކަމަށެވެ.
ތެލަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅައި، ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށުގައި އެސްޓީއޯގެ ރޭޓުގައި އާންމު ރައްޔިތުންނަށް ޕެޓްރޯލާއި ޑީސަލް ލިބޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެއްސެވުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.