ށ. ބިލެތްފަހީ ބަނދަރު ފަރުމާކުރުމާއި ތަރައްގީކުރުމުގެ މަސައްކަތުގެ މަސައްކަތް ނިމުމަކާ ގާތައް ގޮސްފައިވާކަމަށް، މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފި އެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން އެމްޓީސީސިން ބުނީ، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ނެރުގެ ބޭރުތޮށި ޕްރޮފައިލް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި، މި މަޝްރޫއުގެ ޖުމްލަ 94 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް އެކުންފުނިން ބުންޏެވެ.
28.42 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10ވަނަ ދުވަހުއެވެ. ސައިޓް މޮބިލައިޒްކޮށް މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން، 24,125 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 376 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 98 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 1,150 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހަދައި، މަގުބައްތި ހަރުކުރަން ޖެހެއެވެ.
ބިލެތްފަހި ބަނދަރުގެ މަޝްރޫއުގެ އިތުރުން އެމްޓީސީސީން އަންނަނީ ގިނަ ރަށްތަކެއްގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.