މިހާރުވެސް 5 އައިސް ޕްލާންޓް ގާއިމުކޮށް 225 ޓަނުގެ ކެޕޭސިޓީ އިތުރުކޮށްފައިވާކަމަށާއި، ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިތުރު 11 އައިސް ޕްލާންޓެއް ގާއިމުކުރުމުގެ މަސައްކަތް ހަވާލުކުރާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ސަރުކާރުން މިހާރުވެސް 5 އައިސް ޕްލާންޓް ގާއިމުކޮށް، ރާއްޖޭގެ އައިސް އުފައްދާ ކެޕޭސިޓީއަށް 225 ޓަނު އިތުރުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ލިބިފައިވާ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް ނިމިފައިވާކަމަށާއި، އައިސް ޕްލާންޓެއް ގާއިމުކުރަން ވާހަކަދެވިފައިވާ ހުރިހާ ރަށެއްގައި އެކަން ކުރެވިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
”އިރާދަކުރެއްވިއްޔާ 11 އައިސް ޕްލާންޓެއްގެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އެބަ ފަށަން ވަރަށް އަވަހަށް. އަޅުގަނޑުމެންނަށް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ކުރުމަށްޓަކައި ލިބިފައި ހުރި ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މިދަނީ ބަޔަކާ ހަވާލުކުރުމަށް،“ ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން، މިހާރު ރާއްޖޭގައި ހުރި އައިސް ޕްލާންޓްތަކުގެ ތެރެއިން 27 އައިސް ޕްލާންޓެއް އޮޕަރޭޓްކުރަމުންދަނީ މިފްކޯގެ ދަށުންކަން ވަޒީރު ފާހަގަކުރެއްވިއެވެ. ނަމަވެސް، މިފްކޯގެ ކެޕޭސިޓީގެ ތެރެއިން އަހަރެއްގެ މައްޗަށް ބޭނުންކުރެވެނީ ގާތްގަނޑަކަށް 10 އިންސައްތަ ނުވަތަ 12 އިންސައްތަ ކަމަށް ތަފާސްހިސާބުތަކުން ދައްކާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި އައިސް ޕްލާންޓްތައް ފެނަކައާ ހަވާލުކުރުމަކީ ”ވަރަށް ބޮޑު މުސީބާތަކަށް“ ވެގެންދިޔަ ކަމެއްކަމަށް ސިފަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ދައުރު ނިމުނުއިރު 22 އައިސް ޕްލާންޓުގެ ތެރެއިން ދެބައިކުޅަ އެއްބައިވެސް އޮޕަރޭޝަންގައި ނެތް ކަމަށެވެ. ”އެއީ އެއާ ކުޅެން ނޭނގޭ ބަޔަކާ އެ ހަވާލުކުރީމަ ވީގޮތެއް އެއީ،“ ވަޒީރު ވިދާޅުވިއެވެ.