”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“ ގެ ދަށުން ކުރިއަށްގެންދާ އަސާސީ ބޭސިކް މެރިކަލްޗަރގެ ފުރަތަމަ ކޯސް ފަށައިފިއެވެ.
ކ. މަނިޔަފުށި ރިސާރޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި ފެށި މި ކޯހުގައި ރާއްޖޭގެ އެކި އަތޮޅުތަކުން 10 ފަރާތަކުން ބައިވެރިވިއެވެ. އަމަލީ ތަޖުރިބާ ހިމެނޭގޮތައް މިމަހުގެ 24 ގައި ފެށި މި ކޯހުގެ ކިޔެވުން ފެބްރުއަރީ 5 ގެ ނިޔަލަށް ކުރިޔަށްދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
**”މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް“**އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14 މަގު ޗާޓުގައި ހިމަނުއްވާފައިވާ ޙަރަކާތްތަކުގެ ތެރެއިން ފެށިގެން ކުރިއަށްގެންދާ ފަރުމަސް އާލާ ކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދާއި އެކު، ބޭސިކް މެރިކަލްޗަރ ޓްރެއިނިންގ ކޯސް އަހަރަކު 2 ކޯހުން 4 ކޯހަށް ވަނީ އިތުރުކޮށްފައެވެ. މިހާތަނަށް މި ޕްރޮގްރާމްގެ ދަށުން 64 ބައިވެރިން ވަނީ ބޭސިކް މެރިކަލްޗަރ ކޯހުގައި ތަމްރީނު ފުރިހަމަ ކޮށްފައިވެއެވެ.
މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަންސް ރިސޯސަސް ގުޅިގެން ވަރލްޑް ބޭންކުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ އެހީތެރިކަމާއިއެކު ހިންގާ މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި މެރިކަލްޗަރ ސިނާއަތެއް ތައާރަފުކޮށް ތަރައްޤީކުރުމަށް ބޭނުންވާ ދިވެހި ފަންނުވެރިން ބިނާކުރެވޭނެއެވެ. މިގޮތުން، އެކުއަކަލްޗަރގެ ނިޒާމުތަކާއި، ދިރޭ ކާނާ އާލާކުރުމާއި، ފާނަޔާއި ހުއިފިލަނޑަޔާއި ދިވެހި މާގަނޑުމަސް އަދި އިތާމުތް އާލާކުރުމާއި، އާލާ ކުރާ ބާވަތްތަކަށް ޖެހޭ ބަލިތައް ދެނެގަނެ ބަލިތަކުން ރައްކާތެރިކުރުމާއި، މެރިކަލްޗަރ މަސައްކަތްތައް ކުރުމުގައި ތިމާވެށްޓަށް ގެއްލުން ކުޑަވާގޮތަށް މަސައްކަތް ކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމުގެ އިތުރުން، ފާނަޔާއި ހުއިފިލަނޑާ އަދި މާގަނޑުމަސް އާލާކުރުމުގެ އަމަލީ ތަޖުރިބާ ކޯހުގެ ބައިވެރިންނަށް ފޯރުކޮށްދެވިފައި ވާނެއެވެ. މީގެ އިތުރުން މިހާރު ވަނީ ސީވީޑް ކަލްޗަރ ކުރުމަށް ބޭނުންވާ ތިއަރީ ކިޔަވައިދޭން ފެށިފައެވެ.