ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް އއ. އުކުޅަހުގައި ކުރިއަށް ގެންގޮސްފިއެވެ.
އެގޮތުން މިމަހުގެ 19 އިން 20 އަށް އުކުޅަހުގައި އެކްސްކާޝަން އަދި ގެސްޓްހައުސް ވިޔަފާރިކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވާފައި ވެއެވެ. އުކުޅަހު ޕޮލިސް ޕޯސްޓާއި މެރިން ޕޮލިހާއި، ރަށު ކައުންސިލު ގުޅިގެން ކުރިޔަށްގެންދިޔަ މި ސެޝަންތަކުގައި ކަނޑުމަތީގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމާއި ކަނޑުމަތީގައި އުޅަނދުގެ އިންޖީނަށް މައްސަލައެއް ދިމާވެއްޖެ ހާލަތުގައި އަމަލުކުރަންވީ ގޮތުގެ މައުލޫމާތު ދީފައިވެއެވެ. އަދި މީހަކަށް ސިއްހީ މައްސަލައެއް ދިމާވެއްޖެ ހާލަތުގައި ފުރަތަމަ އެހީދޭނެ ގޮތްތައް ދަސްކޮށްދީފައިވެއެވެ. މީގެ އިތުރުން، ކަނޑުދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވެއެވެ.












