މި ހިނގާ އޯގަސްޓްމަހުގެ 11 ވަނަ ދުވަހު ހުޅުމާލޭ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި އަސްކަރީ ތަމްރީންތަކެއް ކުރިޔަށްގެންދަން ތާވަލުކޮށްފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފި އެވެ.

އެމްއެންޑިއެފްއިން ބުނީ، އަސްކަރީ ތަމްރީނުތައް އޮގަސްޓް 11 އިން 17 އަށް، ކޮންމެ ދުވަހެއްގެ 06:00 އިން 17:30 އަށް ހުޅުމާލޭގެ އިރުން 07 ނޯޓިކަލް ބޭރުން ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭގެ އިރުން 7 ނޯޓިކަލް މޭލު ބޭރުން 5000 މީޓަރ ދުރުމިނަށްކަމަށާއި، ވަޒަން ދަތުރުކުރާނެ އުސްމިނަކީ 300 މީޓަރުކަމަށް އެމްއެންޑިއެފް އިން ބުނެފައި ވެއެވެ.

އެމްއެންޑީއެފްގެ އަސްކަރީ ގާބިލިއްޔަތުކަން އިތުރު ކުރުމަށް އެމްއެންޑީއެފްގެ ތަމްރީނުދޭ މަރުކަޒުތަކުގައްޔާއި، ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ސިލްސިލާކޮށް އަސްކަރީ ތަމްރީނުތައް ކުރިޔަށްގެންދެއެވެ. މިތަމްރީންތައް ފެށުމުގެ ކުރިން ދުރާލާ، އާންމުކޮށް އެކަން އަންގައި އިއުލާނުކުރެއެވެ.