ލ އަތޮޅުގައި ފިޝަރީޒް މިނިސްޓްރީން 2 ކަނދުފަތި ގާއިމުކޮށްފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ޓީމުން ލ އަތޮޅަށް ކުރި ދަތުުރުގައި އެ އަތޮޅުގެ ދެ ސަރަހައްދެއްގައި ވަނީ ވަދު ކަނދުފައްޗަކާއި ދޮށީ ކަނދުފައްޗެއް އަޅާފައެވެ. އެގޮތުން މިމަހުގެ 10 ވަނަ ދުވަހު ވަނީ ލ.ކަނުހުރާގެ އިރުން 6 މޭލު ބޭރުގައި ވަދު ކަނދުފައްޗެއް އަޅާފައެވެ. އެ ކަނދުފަތީގެ ނަންބަރަކީ L10V01 އެވެ.
މީގެ އިތުރުން މިމަހުގެ 11 ވަނަ ދުވަހު ވަނީ ލ.ގަމުގެ އިރު ދެކުނުން 15.5 މޭލު ބޭރުގައި ދޮށީ ކަނދުފައްޗެއް އަޅާފައެވެ. އެކަނދުފަތީގެ ނަންބަރަކީ M10D01 އެވެ.
ރާއްޖޭގެ ކަނދުފަތި ވިއުގައަށް ބަލާއިރު މިވަގުތު119 ކަނދުފަތި އެބަައޮތެވެ. އެއީ، 54 ވަދު ކަނދުފަތި އަދި 65 ދޮށީ ކަނދުފައްޗެވެ.
ރަށްރަށުގެ ވަށައިގެން 3 މޭލާއި 6 މޭލާއި ދެމެދުގެ ދުރުމިނުގައި ޤާއިމުކުރާ ވަދު ކަނދުފައްޗަކީ ވަދު ނަނުގެ އަދި ސްޕޯޓް ފިޝިންގ މަސްވެރިކަމަށް ޚާއްސަ ކަނދުފަތިތަކެކެވެ. ވަދު ކަނދުފަތި، ފަރުމާކޮށްފައިވަނީ ދުރަށް ފެންނަހެން ބައްތިއަކާއި، ކަނދުފަތި އޮތް ތަން ފަސޭހައިން ދެނެގަނެވޭނެގޮތަށް ހުންނަ ރާޑަރު ރިފްލެކްޓަރަކާއި އެކުގައެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.