މ. ކޮޅުފުށީ ރައްޔިތުންގެ މަސްދޯނިކަމަށްވާ ”ދުރުރާސްތާ-8“ ނީލަމުގައި ވިއްކާލުމަށް ކޮޅުފުށި ކައުންސިލުން ނިންމައިފި އެވެ.
85 ފޫޓް ބޮޑު މިނުގެ މި ދޯނި ނީލަމުގައި ވިއްކާލަންކަން އިއްޔެ ކައުންސިލުން އާންމުކޮށް އިއުލާނުކޮށްފައިމިވަނީ މީގެކުރިން ދެފަހަރެއްގެމަތިން އެ ދޯނި ކުއްޔަށްދިނުމަށް އިއުލާނުކުރުމަށްފަހުގައެވެ.
ކައުންސިލުން ބުނީ ނީލަން ފެށޭ އަގަކީ 2.5މިލިއަން ރުފިޔާކަމަށާއި، ނީލަމުގެ އަގަށް އިތުރު ކުރެވޭނެ މަދު މިންވަރަކީ 50,000ރުފިޔާ ކަމަށެވެ. ނީލަމުގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ނީލަން ހުށަހެޅުމަށް އަކަމަށް ކަނޑައަޅާފައިވާ ފޯމް ކޮންމެ ދުވަހެއްގެވެސް 12:00 ގެ ކުރިން ކައުންސިލް އިދާރާގެ ކައުންޓަރަށް، ނުވަތަ އެ އިދާރާގެ އީމެއިލް info@kolhufushi.gov.mv އަށް މެއިލް ކޮށްދިނުމަށް ކައުންސިލުން އެދިފައި ވެއެވެ. އަދި، ކޮންމެ ދުވަހަކު ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ 14:00 ގައި ކައުންސިލް އިދާރާގެ ވެބްސައިޓްގައި ޢާއްމު ކުރާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ހުށަހަޅާ އެންމެ މަތީ އަގާއި، އައި.ޑީ.ކާޑުގެ ފޮޓޯކޮޕީ އަދި ކުންފުންޏަކުން ނީލަން ހުށަހަޅާނަމަ، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއާއެކު ނީލަމަށް ކަނޑައަޅާފައިވާ ވަގުތުގައި ހުށަހަޅަން ވާނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ނީލަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުއެވެ. ނީލަމަށް ހުށަހެޅޭ އަގު ޖެހިޖެހިގެން ރަސްމީ 03 ދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެ އަގަށް ނީލަން ނިންމާލެވޭނަކަމަށް ކައުންސިލުން ބުނެފައި ވެއެވެ. ނީލަމުގައި އެންމެ މަތީ އަގު ހުށަހަޅައިގެން ނީލަން ކާމިޔާބުކުރާ ފަރާތުން ނީލަން ނިމޭ ދުވަހުން ފެށިގެން ރަސްމީ 03 ދުވަހުގެ ތެރޭގައި ކައުންސިލް އިދާރާއަށް ފައިސާ ދެއްކުމަށްފަހު 7 ދުވަސް ތެރޭގައި ދޯނީ ގެންދަންވާނެކަމަށާއި، ދޯނި ފައިސާ ދައްކަން ދޭ މުއްދަތުގައި ފައިސާ ނުދައްކައިފިނަމަ ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެފުރުސަތު ދޭނަކަމަށް ކައުންސިލުން ބުނެފައި ވެއެވެ. އަދި، ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތުންވެސް ފައިސާ ނުދައްކައިފިނަމަ 3 ވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް އެ ފުރުސަތުދޭނެކަމަށާއި، 3 ވަނައަށް ފުރުސަތު ދެވުނު ފަރާތުން ފައިސާ ނުދައްކައިފިނަމަ ނީލަން ބާޠިލު ކުރެވޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
ނީލަމުގައި ވިއްކާލާ ދޯނި ބަލަން ބޭނުންވާ ފަރާތްތަކުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 13:00އަށް ކައުންސިލް އިދާރާއަށް ދިއުމުން ދޯނި ދައްކާލުމުގެ އިންތިޒާމު ހަމަޖައްސައިދޭނެކަމަށް ކައުންސިލުން ބުނެފައިވެއެވެ.
މި ނީލަމާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 7870570 އަށް ގުޅާލުމުން މައުލޫމާތު ފޯރުކޮށްދޭނެކަމަށް ކައުންސިލުން ބުންޏެވެ.