ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރޭގެ އަތޮޅުކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރުނީ މ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށެވެ. މެންދުރު 12:30 އިން ހަވީރު 05:30އާ ހަމަޔަށް މިއަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ، ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްނެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
އުތުރުގެ އަތޮޅުތަކަށް ބަލާއިރު ބައެއް އަތޮޅުތަކަށް ހުދު އަދި ރީނދޫ ސަމާލު މިހާރު އޮތީ ނެރެފައެވެ. މެންދުރު ފަހު 03:00 އާ ހަމަޔަށް ބ އަތޮޅުން ފެށިގެން އއ އާ ހަމަޔަށް ރީނދޫ ސަމާލު ނެރެފައިވަނީ އެ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށްނެވެ.
ހއ އިން ފެށިގެން ރ އަތޮޅާ ހަމަޔަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ، ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްނެވެ.