އިހަވަންދޫ ފިޝަރީޒް ކޮމްޕެލެކްސް މަޝްރޫއުގެ ދަށުން ތަރައްގީކުރާ ބަނދަރުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
މަޝްރޫއުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ(އެމްޓީސީސީ) އިން ބުނީ، ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ސައިޓް މިމަހުގެ 8 ވަނަ ދުވަހު މޮބިލައިޒްކޮށް، އަމަލީ މަސައްކަތް ފަށަން މިހާރު ތައްޔާރުކޮށްފައިވާކަމަށެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، މިދިޔަ އަހަރުގެ އޯގަސްޓް މަހުގެތެރޭގައެވެ. 130 މީޓަރުގެ ދިގު އެއްގަމަށް މަގަތުފާލަމަކާއެކު، 3 ޕޮއިންޓަކުން މަސްކިރޭ ގޮތަށް ގާއިމުކުރާ 3.5 މީޓަރުގެ ފުންމިނުގެ މި ބަނދަރު ހެދުމަށް، 58 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ސަރުކާރުން މީގެ ކުރިން ބުނެފައި ވެއެވެ.
ހއ. އިހަވަންދޫގައި ސަރުކާރުން ގާއިމުކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 29 ވަނަ ދުވަހުއެވެ. އިސްލާމިކް ޑިވަލޮޕްމެންޓް ބޭންކު، އައިއެސްޑީބީގެ މާލީ އެހީތެރިކަމާއެކު ކުރިޔަށް ގެންދާ މި މަޝްރޫއަށް ޖުމްލަ، 474 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، މި މަޝްރޫއުގެ އަމަލީ މަސައްކަތް މި ހިނގާ މެއި މަހު ފަށައި، މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މަޝްރޫއުގެ މަސައްކަތް ނިންމާލެވޭނެކަމަށް ސަރުކާރުން ބުނެފައި ވެއެވެ.












