ކަނޑައިގެން ދިޔަ ފިއްލަދޫ ދޮށީ ކަނދުފަތި އަލުން އަޅައިފި އެވެ.
ފިޝަރީޒް މިނިސްޓްރީގެ ފަންނީ ޓީމުން މިހާރު އުތުރަށް ކުރަމުންދާ ދަތުރުގައި، މި ކަނދުފަތި އަޅާފައިވަނީ ކުރިންވެސް އެ ކަނދުފަތި ގާއިމުކުރި ލޮކޭޝަންކަމަށްވާ، ހއ.ފިއްލަދޫގެ އިރުން 15 މޭލު ބޭރުގައެވެ. އަލުން ގާއިމުކުރި ދޮށީ ކަނދުފަތީގެ ނަންބަރަކީ، C09D01-01 އެވެ.
މިނިސްޓްރީގެ ޓީމުން އުތުރަށް ކުރަމުންދާ މި ދަތުރުގައި ކަނޑައިގެންދިޔަ ހއ.ކެލާގެ ދޮށީ ކަނދުފަތިވެސް މިދިޔަ ބުދަ ދުވަހު ވަނީ އަލުން ގާއިމުކޮށްފައެވެ. ހއ އަތޮޅުގައި އޮންނަނީ 4 ދޮށީ ކަނދުފައްޗެވެ.
ދޮށީ ކަނދުފައްޗަކީ ދޮށީގެ މަސްވެރިކަން ނުވަތަ ކަޅުބިލަމަހުގެ މަސްވެރިކަމަށް ޚާއްޞަކޮށްގެން އަޅަމުން އަންނަ ކަނދުފަތިތަކެކެވެ. އެކަނދުފަތިތަކުގެ ވަށައިގެންވާ ސަރަހައްދުގައި ދޮށީ މަސްވެރި އުޅަނދުފަހަރަށް ދަތިވާގޮތައް އެހެނިހެން މަސްވެރިކަން ކުރުމަކީ ގާނޫނީ ގޮތުން މަނާކަމެކެވެ.